ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު
ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު
ކޯވިޑް-19 ގައި ނިޔާވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ އެ ޤައުމުގެ މުސްލިމުން އިތުރަށް ބިކަވެގެންދާނެ ކަމެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ ސަބަބުން މަރުވާ މީހުން އެންދުން ސްރީލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންވެސް އަންދަންޖެހޭތީ ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ދިވެހި ސަރުކާރުގައި އެދިފައެވެ. އަދި އެކަމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޝަހީދު ވިދާޅުވީ، ލަންކާ ސަރުކާރުގެ އެދުމަށް ރާއްޖެއިން އިޖާބަ ދީފިނަމަ ލަންކާގެ މުސްލިމުން އިތުރަށް ބިކަވެގެންދާނެކަން ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ފަހުމުވެވަޑައިނުގަންނަވާތީ އެކަމާއި ހިތާމަކުރައްވާކަމަށެވެ. ޑރ. ޝަހީދު ގެ ޓްވީޓްގައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި، ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، ހެލްތް މިނިސްޓަރ ކެރަފާ އަޙްމަދު ނަސީމް އާއި، ފޮރިން ސެކްރެޓަރީ އަބްދުލް ޣަފޫރު މުޙައްމަދު ޓެގް ކުރަށްވާފައެވެ.

ޑރ. ޝަހީދު ވިދާޅުވީ، ލަންކާގައި ނިކަމެތިވެފައިވާ މުސްލިމުންނާ މަޝްވަރާ ނުކޮށް މިފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން ވެގެން ދާނީ އެރައްޔިތުންގެ އަސާސީ ޙައްޤުތަކަށާއި، ހަމަހަމަ ކަމުގެ ޙައްޤަށް އިތުރު ނިކަމެތިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ކޮރަޕްޝަނަށް ކޮށައިދޭ މަގެއް ކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.



މި މައްސަލާގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް، އިބްރާ ވިދާޅުވީ، ސްރީލަންކާގައި ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުން އެންދުމަށް މަޖުބޫރު ކޮށްފައިވަނީ ސައިންޓިފިކް ކޮން ޙުއްޖަތެއްގެ މައްޗަށް ކަމާމެދު ދިވެހި ސަރުކާރުން ސުވާލު ކުރަން ޖެހޭ ކަމަށެވެ. އަދި ސްރީ ލަންކާ ނޫން އެހެން ޤައުމުތަކުގައި ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅު ނުލަނީތޯ އިބްރާ ސުވާލު އުފެއްދެވިއެވެ.

ރާއްޖެއަށް ކޯވިޑް-19 ގައި މަރުވާ ލަންކާ މުސްލިމުންގެ ޤަބުރުތައް ގެނައުމަށް ދެކޮޅު ހައްދަވަމުން ރައީސް ނަޝީދުގެ ވެރިކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމް އަދާކުރެއްވި އަލްއުސްތާޛާ ލުބްނާ މުޙަންމަދު ޒާހިރު ޙުސައިން ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގައި އެއްވެސް ޤައުމަކުން އެ ޤައުމެއްގައި ނިޔާވާ ރައްޔިތުން އެހެން ޤައުމަކަށް ވަޅުލުމަށް ގެންގޮސްފައި ނުވާކަމަށެވެ. އަދި މިކަމުގައި ހުރިހާ ޤައުމަކުންވެސް ޢަމަލުކޮށްފައިވަނީ ކެތްތެރިކަމާއެކު އެންމެންނަށް ހަމަހަމަކަމާއެކު ވަކި ދީނަކަށް އަދި ނަސްލަކަށް ތަފާތު ކުރުމެއް ނެތި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކި ވައްތަރުގެ މީހުން އެކުގައި އުޅުމުގެ ހިތްގައިމު ކަމަކީ އެއީ ކަމަށްވެސް ލުބްނާ ވިދާޅުވިއެވެ.

ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢިލްމުވެރިން ގެންދަވަނީ ތަފާތު ޚިޔާލުތައް ފާޅު ކުރަށްވަމުންނެވެ. އެގޮތުން ސަލަފް ޖަމިއްޔާގެ ރައީސް ޝެއިޚް ޢަބްދުﷲ އާއި، އެ ޖަމިއްޔާގެ އިސް ޙަރަކާތްތެރިޔާ ޢަލީ ރަމީޒްވެސް ވަނީ އެކަމުގައި ރާއްޖެއިން އެ މުސްލިމުންގެ ޙައްޤުގައި ތެދުވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ލަންކާ ސަރުކާރުގެ ޢަމަލު ކުށްވެރިކޮށްގެން ކަމަށާއި، އެކަމަށް ވާގިވެރިވެ ނިޔާވާ މީހުން ވަޅުލަން ރާއްޖެއަށް ގެނެސްގެން ނޫންކަމަށް ޢަލީ ރަމީޒްވެސް ވިދާޅުވިއެވެ. އަދި ކުރީގެ ރައީސް މައުމޫން އެކަމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާއިރު، އެމަނިކުފާނުގެ ދަރިކަނބަލުން ވެސް ވަނީ މިފަދަ ކަންކަމުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރަށް ބަލިކަށިކަން ހާމަކޮށްދޭ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.

އަވަށްޓެރި ގައުމެއްގެ ރަށްވެހި މުސްލިމުންނަށް އެގައުމުގައި ދޭންޖެހޭ އިހުތިރާމާގަދަރު ނުލިބި އިންސާނީ ހައްގުތަކާއި އެބައި މީހުންގެ ދީނީ ޝަރީޢަތާ ޚިލާފަށް އަމަލުތަކެއް ހިންގާއިރު އެކަމާ ދެކޮޅަށް ބަހެެއް ބުނުމުގެ ބަދަލުގައި އަދިވެސް އެ އަނިޔާވެރި ސަރުކާރުން އެދޭ ގޮތަށް އަމަލު ކުރާން ދިވެހި ސަރުކާރުން މަސައްކަތް ކުރުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

އަހަރެން

18-Dec-2020

މަށައްފެންނަނީހިންނަވަރުގަ އެބައިގައޑުވަޅުލަން އަނެއްކާާލާރިގައޑެއް ލޫޓުވާލާނެ ގޮތެއް ބަލަނީދޯ ރަތްލާޖެހިވަގުން



ޓްރެންޑިން