މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ސެޕްޓެމްބަރ މަހާ ދެމެދު ދުވާލަކު އެވްރެޖްކޮށް 60 ޒުވާނުންގެ ވަޒީފާ ގެއްލިފައިވާކަމަށް ސަރުކާރުގެ ރަސްމީ ރިކޯޑް ތަކުން ދައްކާ ކަމަށް މާވަށު ދާއިރާގެ މަޖިލިސް މެމްބަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ ސަޢީދު މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން އިންޑިއާ ރައްޔިތަކު އެމްއޭސީއެލް ގެ މަގާމަކަށް ހަމަޖެއްސުމާ ގުޅިގެން ސަރުކާރުން ދިވެހިންނަށް ވަޒީފާ ދިނުމަށް އިސްކަން ނުދޭކަން ހާމަ ކުރުމުގެ ގޮތުންނެވެ.

"އޭޕްރީލް މަހުން ސެޕްޓެމްބަރ މަހަށް ދުވާލަކު 60 ޒުވާނުންގެ ވަޒީފާ ގެއްލޭ ކަމަށް ސަރުކާރުގެ ރަސްމީ ރެކޯޑްސް ގައިވޭ. އެހާލަތުގައި އޮތް އިރު ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ބޮޑު މުސާރައަށް އަވަށްޓެރި ޤައުމުތަކުން މީހުން ގެނައުން އެއްގޮތަކަށްވެސް ބަލައެއްނުގަނެވޭ. މިކަމާ ދެކޮޅު ހެދުމަކީ ކޮންމެ ޖަމާޢަތަކުން ނުވަތަ ޕާޓީއަކުން ވެސް ކުރަން ޖެހޭ ކަމެއް." ސަޢީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލް އަކީ ދައުލަތުގެ ބައިތުލްމާލަަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ އެއް ކުންފުންޏެވެ. މި އަހަރު އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓުއާޓް ވަނީ އާ ސީއީއޯ އެއްގޮތުގައި އެކުންފުންޏަށް ހަމަޖައްސާފައެވެ. އެމަގާމަށް ބިދޭސީއެއް ހަމަޖެއްސީ މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން ކަމަކަށް ކުންފުންޏަކުން ހާމަކޮށްފައެއް ނުވެއެވެ.

ދާދި ފަހުން އެކުންފުނީގެ އޯރަޓް ޑައިރެކްޓަރުގެ މަގާމަށް އިންޑިއާ ރައްޔިތަކު އައްޔަން ކޮށްފައިވާއިރު، އޭނާ މަގާމަށް އައްޔަން ކުރީވެސް މަގާމަށް އެކަށީގެންވާ ދިވެއްސަކު ނުލިބިގެން ކަމެއް ކުންފުންޏަކުން ހާމަކޮށްފައެއް ނުވެއެވެ.

އެމަގާމަށް ޝަރުތު ހަމަވާ އެތައް ދިވެހިން ތިއްބާ މިފަދަ ދަނޑިވަޅެއްގައި ބިދޭސީއަކަށް އެމަގާމު ދިނުމުން ޒުވާނުންނަށް ހަމަހަމަ ފުރުސަތުތައް ނެތް ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން