ރާއްޖެއިން ބޭރުން އަންނަ ދިވެހީންވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި ނުލައި ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތަށާއި އަދި ރާއްޖެއައިސް ކަރަންޓީނުގައި ތިބެން ނުޖެހޭ ގޮތަށް ހަމަޖައްސައި އަނެއްކާވެސް ކަރަންޓީނަށް ލުއިދޭން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު އާންމު ކުރި އުސޫލުގައި ވަނީ މިހިނގާ ޑިސެންބަރު މަހުގެ ވިހި ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކް ވިސާގައި އަންނަ ބިދޭސީންވެސް އެންމެ ފުރަތަމަ ދަތުރުފަށާ ބަނދަރަކުން ހަދާ 96 ގަޑިއިރު ހަމަނުވާ ޕީސީއާރް ނެގަޓިވް ޓެސްޓް ނަތީޖާއެއް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އުމުރުން އެއް އަހަރުން ދަށުގެ ކުދިން މި އުސޫލުން އިސްތިސްނާ ވެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީންވާން ނުޖެހުނު ނަމަވެސް މާލެ ސަރަހައްދުގައި ތިބޭމީހުން އެމުއްދަތު ހަމަވާންދެން ގޭގައި އެކަހެރިވެތިބުމާއި އަދި ގޭތެރޭގައި އުޅޭއިރުވެސް މާސްކް އަޅައިގެން އުޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ނަމަވެސް ބޭރުން އަންނަ މީހުންގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި ސަރުކާރުގެ ހިޔާތަކާއި ފެސިލިޓީތަކަށް އަންނަ މީހުން ދިހަ ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކޮށް ޕީސީއާރް ޓެސްޓް ވެސް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މީގެއިތުރުން ރިސޯޓްތަކަށް އެކިމަސައްކަތް ތަކުގައި ކުރުމުއްދަތަށް ދަތުރުކުރާ ފަރާތްތަކާއި ދަތުރުވަރީގައި ދާ ދިވެހީން ނުވަތަ ލޯކަލް ޓުއަރިސްޓުންގެ ގޮތުގައި ރިސޯޓްތަކަށް ދަތުރުކުރާ މީހުންނަށް ވަނީ ތަފާތު އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން އެފަދަ ފަރާތްތައް ފުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ނެގަޓިވް ޓެސްޓް ނަތީޖާއެއް އޮތުމާއެކު ރިސޯޓުގައި ނިދުމާއި ކެއުން ހުންނަންވާނީ އެހެން މުވައްޒަފުންނާއި ވަކިން ކަމަށް އެޗްޕީއޭގެ އާ އުސޫލުގައި ވެއެވެ. އަދި ރިސޯޓުގައި ހުރެފައި މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދަކަށް ދަތުރުކުރާނަމަ އެފަދަ މީހުންވެސް އެދާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރަން ޖެހޭނެ ކަމަށް އާ އުސޫލުގައި ވެއެވެ.

ދަތުރުފަތުރު ކުރުމާއި ގުޅިގެން މިހާރު މާލެ ސަރަހައްދުގައި 10 ދުވަހުގެ ކަރަންޓީންގައި ތިބި މީހުން ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ ކަމަށާއި އަދި ޕީސީއާރް ޓެސްޓް ހެދުމަށްޓަކާ އެފަދަ ފަރާތްތަކަށް އެޗްޕީއޭއިން ގުޅަމުން ގެންދާނެ ކަމަށްވެސް އެފަރާތުން މިއަދު ބުނެފައި ވެއެވެ.

ނަމަވެސް އެޗްޕީއޭގެ އާ އުސޫލުގައި ބުނެފައިވަނީ ޚާއްޞަ ޚިދުމަތްތަކުގައި އެހެން ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކަށް ޕީސީއާރް ނެގަޓިވް ޓެސްޓަކާއި ނުލައި ވެސް ދަތުރު ކުރެެއްވޭނެ ކަމަށެވެ.

ދަތުރުފަތުރު ކުރުމުގައި އެޗްޕީއޭއިން މިދިން ލުއިތަކާއެކު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

ވޭތުވެދިޔަ ހަފުތާއަށް ބަލާއިރުވެސް ރާއްޖޭގައި ކޯވިޑް ޖެހޭ މިންވަރު ވަނީ ވަރަށް ބޮޑުތަން ދަށް ކުރެވިފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އަދަދުތައް މިހާރުވަނީ އެއްއަކުރުގެ އަދަދު ތަކަށް ތިރިކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން