ކަޝްމީރުގައި ކުރާ އަނިޔާތަކަށް މިސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ކޮވިޑް ގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ލަންކާގެ ރައީސް އެދިވަޑައިގަތުމުން ސަރުކާރަށް ތާއީދު ކުރާ ވަރަށް ގިނަ ފަރާތްތައް މިކަމަށް ތތާއީދުކުރުމުގެ ސަބަބުންނެވެ.

"ސަރުކާރުން ކޮވިޑް ހަށިތައް ރާއްޖެ ގެންނަން ނިންމެވީ މުސްލިމުންނަށް ކުރާ އިހްތިރާމަށް؟! ކަޝްމީރުގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާއަށް މިސަރުކާރުން ދިނީ ބީރު ކަންފަތެއް. ޕެލެސްޓައިން ގެ މުސްލިމުން ޝަހީދު ކުރަމުން ދާއިރު ޔޫއެން ގައި ރާއްޖެ ހަނު. ދެން އަޅުގަނޑުމެން ހަމަ ބާރަށް އަތްޖަހަންވީތޯ؟" ޝުޖާޢު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާހުގެ ކުއާލިޓީ ދަށްކުރުމާއި ދެކޮޅު ކަމަށާއި، ވޯޓު ކަރުދާހުގެ ސެކިއުރިޓީ ފީޗާސް ވަރުގަދަ ވާންޖެހޭ ކަމަށާއި، އެމްޑީޕީ މެމްބަރުންނަށް ޑަބަލް ކަރުދާސް ވޯޓުލާ މަރުކަޒަށް ވެއްދުމުގެ ފުރުސަތު އީސީ ދީގެން ނުވާނެ ކަމަށާއި ރައްޔިތުން ތިއްބެވީ ހޭލާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮވިޑް 19 ގައި މަރުވާ މުސްލިމުން އަންދާލާތީ އެމީހުން ރާއްޖެ ގެނެސް ވަޅުލުމަށް ލަންކާގެ ރައީސް އެދިވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެކަމަށް މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައި، ގިނަބަޔަކު މިކަމަށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑްގެ ސަބަބުން މަރުވާ މުސްލިމުން އެންދުމަށް މަޖުބޫރު ކޮށްފައިވާތީ އެޤައުމުގެ މުސްލިމުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އިސްލާމީ އުސޫލްތަކާއި އެއްގޮތަށް ޖަނާޒާގެ ކަންކަން ކުރަން ދަތިތަކެއް ދިމާވެފައިވާތީ ލަންކާގެ ރައީސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހުން ރާއްޖޭގައި ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހް އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާއި ދަނީ މަޝްވަރާ ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން