އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު
ކޯވިޑް-19 ގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާ ނުލެވޭނެ ކަމަށް އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ފްރީޑަމް އޮފް ރެލީޖަން އޯރ ބިލީފް ޑރ. އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާ ސަރުކާރުން އެ ޤައުމުގައި ކޯވިޑް-19 ގެ ސަބަބުން ނިޔާވާ މުސްލިމުން އެންދުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ޑރ. ޝަހީދުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ޚާއްސަ މުޝީރުންތަކެއް މިއަހަރުގެ އޭޕްރީލް މަހު ސްރީލަންކާ ސަރުކާރަށް ފޮނުވާފައިވާ ރިޕޯޓެއް "ރަސް އޮންލައިނަށް" ވަނީ ލިބިފައެވެ.

އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުގައި ސްރީލަންކާ ސަރުކާރުން އެ ޤައުމުގައި ކޯވިޑް ޖެހިގެން ނިޔާވާ މުސްލިމުން އެންދުމަށް ނިންމާފައިވާ ނިންމުމަކީ އދގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ މުޢާހަދާގައި ކަށަވަރުކޮށްދީފައިވާ ޙައްޤުތަކާއި ކަނޑައެޅިގެން ޚިލާފު ނިންމުމެކެވެ.

އެގޮތުން ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުންނަށް އެމީހަކު ނިސްބަތްވާ ދީނެއްގައި ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ އުސޫލުން އެ ކަންތައްތައް ފަހިކޮށްދިނުމަށް ކޯވިޑް-19 އާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޚާއްސަ އުޞޫލުގައި ހުރަސް ނާޅާކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް ކޯވިޑް-19 ޖެހިގެން ނިޔާވާ މީހުން ވަޅުނުލެވޭނެ އުސޫލެއް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައި ނުވާކަމަށް އެ ރިޕޯޓްގައި ވެއެވެ.

ކޯވިޑް-19 ގެ ސަބަބުން މަރުވާ މުސްލިމުންގެ ހަށިތައް އެންދުމަކީ، ލަންކާގައި ދާޚިލީ ފިތުނަވެރިކަމެއް އުފެދޭނެ ކަމަކަށް ވެދާނެކަމަށާއި، އެކަމުގެ ސަބަބުން ތަފާތު ދީންތަކާއި ނަސްލުތަކުގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ކަމުގެ ކަންބޮޑުވުން ޑރ. ޝަހީދު އިސްވެ ހުންނަވައިގެން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

އަވަށްޓެރި ސްރީލަންކާގައި ނިޔާވާ މުސްލިމުން ވަޅުލުމަށް ރާއްޖެ ފޮނުވުމަށް ސްރީލަންކާ ސަރުކާރުން ނިންމާފައިވާ މައްސަލާގައި އެޤައުމުގެ ޕާލިމެންޓް މެމްބަރ އަދި މުސްލިމް ކޮންގްރެސް ޕާޓީގެ ލީޑަރ ރައޫފް ޙަކީމްވެސް ވަނީ އެ މައްސަލާގައި ސްރީލަންކާގެ މުސްލިމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤަށް ސިޓީ އެއްވެސް ފޮނުއްވާފައެވެ.

ސްރީލަންކާގެ މުސްލިމުންގެ ފަރާތުން ރައޫފް ރާއްޖޭގެ ސަފީރަށް އީމެއިލް މެދުވެރިކޮށް ފޮނުއްވި ލިޔުމުގައި ވަނީ، ސްރީލަންކާ މުސްލިމުންގެ ޙާލަތާމެދު ދިވެހި ސަރުކާރުގެ ކަންބޮޑުވުން ވިސްނިވަޑައިގަންނަވާ ކަމަށާއި، އެކަމަށް ޓަކައި ޝުކުރުއަދާކުރަށްވާ ކަމަށެވެ.

އެހެން ނަމަވެސް ލަންކާގެ މުސްލިމުން އެދެނީ އިސްލާމީ އުސޫލްތަކާ އެއްގޮތަށް އަމިއްލަ ވަޒަނުގައި އެމީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމުގެ ޙައްޤު ނިގުޅައިގަތުމަށް ލަންކާ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކޮށް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ ނިންމުންތަކާ އެއްގޮތަށް މުސްލިމުންގެ ޙައްޤުތައް ލިބިދިނުމަށް ކަމަށް ރައޫފް ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހުށައަޅާފައިވާ ހުށައެޅުމަކީ ލަންކާ މުސްލިމުންނަށް އެޤައުމުގެ ޤާނޫނު އަސާސީއިން ކަށަވަރު ކޮށްދޭ ދިރިހުރުމާއި، އަމިއްލަ ޤައުމުގައި ޖަނާޒާގެ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ޙައްޤު ނިގުޅައިގަތުމަށް ހިންގާ ޢަމަލެއް ކަމަށް ވާތީ އެކަމާ ދެކޮޅު ހަދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މި މައްސަލާގައި، ސްރީލަންކާގެ އެތެރޭގެ މަޝްރަޙު ގޯސްވެފައިވާއިރު އެންމެފަހުން ލަންކާ ސަރުކާރުން މިއަދު ބުނެފައިވަނީ، ކޯވިޑް-19 ޖެހިގެން ނިޔާވާ ލަންކާގެ މުސްލިމުންގެ ޖަނާޒާ ކުރިއަށް ގެންދިއުމަށް ރާއްޖެއަށް ފޮނުވުމާމެދު ލަންކާ ކެބިނެޓްގައި މަޝްވަރާކޮށްފައި ނުވާކަމަށެވެ. އަދި ކޯވިޑްގައި ނިޔާވާ މީހުންނާމެދު ޢަމަލު ކުރަމުންދަނީ އެޤައުމުގެ ކަމާގުޅޭ ތަޖްރިބާކާރުންގެ ލަފާގެ މަތިންކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ. ހަމައެއާއެކު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފިއްތުންތަކާއެކު އެޤައުމުން މިހާރު ވަނީ ކޯވިޑް-19 ޖެހިގެން އެޤައުމުގައި ނިޔާވާ މުސްލިމުން އެންދުން ވަގުތީގޮތުން މެދުކަނޑައިލާފައެވެ.

ކޯވިޑް-19 ގެ ސަބަބުން މަރުވާ މީހުން އެންދުން ސްރީލަންކާ ސަރުކާރުން މަޖްބޫރު ކޮށްފައިވާތީ، އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންވެސް އަންދަންޖެހޭތީ ރާއްޖެ ގެނެސް އެމީހުން ވަޅުލުމުގެ އިންތިޒާމު ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާކަން ހާމަކޮށްފައިވަނީ ރާއްޖޭގެ ޚާރިޖީ ވުޒާރާއިންނެވެ. އެކަމާ ދެކޮޅަށާއި އެއްކޮޅަށް ރާއްޖޭގައި ޚިޔާލުފާޅުކުރަމުންދާއިރު އެކަމުގައި ލަންކާގެ މުސްލިމުން ބޭނުންވާގޮތް އޮޅުން ފިލުވުމަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައިނުވާތީ ލަންކާގެ ދީނީ 18 ޖަމިއްޔާއެއް ގުޅިގެން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.

އަވަށްޓެރި ގައުމެއްގެ ރަށްވެހި މުސްލިމުންނަށް އެގައުމުގައި ދޭންޖެހޭ އިހުތިރާމާގަދަރު ނުލިބި އިންސާނީ ހައްގުތަކާއި އެބައި މީހުންގެ ދީނީ ޝަރީޢަތާ ޚިލާފަށް އަމަލުތަކެއް ހިންގާއިރު އެކަމާ ދެކޮޅަށް ބަހެެއް ބުނުމުގެ ބަދަލުގައި އަދިވެސް އެ އަނިޔާވެރި ސަރުކާރުން އެދޭ ގޮތަށް އަމަލު ކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދާތީ، މިކަމަކީ ސަރަޙައްދީ ހަމަޖެހުމަށް ނުތަނަވަސްކަން ކުރިމަތިވާނެ ކަމަކަށް ވުމާއެކު އެގޮތަށް އެކަން ނުކުރުމަށް ގިނަ ބަޔަކު ގެންދަނީ ސަރުކާރަށް ބާރުއަޅަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން