ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ). ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދު (ވ)
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް (ކ). ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދު (ވ)
މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަޞްރުﷲ އަޙްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ހަދިޔާކުރައްވައިފިއެވެ. މި މެޑައްޔާއި ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ނަޞްރުﷲ އަޙްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަރޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމައި އޭނާ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަޞްރުﷲ އަޙްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަޞްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވާ އެ ކަމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ނަޞްރުﷲގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަޙައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ. މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މަޢުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް އެދިވަޑައިގަންނަވާފައެވެ.

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރާ ނަޞްރުﷲ އަޙްމަދުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ. މި މެރެތަން އެއްވަނަ މަޤާމުގައި ނިންމާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަޞްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިގޮތުން، މެރެތަންއާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަޞްރުﷲ މުހިންމު ދައުރެއް އަދާކުރައްވައެވެ. މި ގޮތުން ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުޙައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލުކޮށްފައިވާ މުޙައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދާފައި ވަނީ ނަޞްރުﷲ އެހީތެރިކަމާއެކުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން