އާދަމް ޝާރީފު އުމަރު
އާދަމް ޝާރީފު އުމަރު
މި ސަރުކާރުން މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ ބަދަލުގައި މަސައްކަތް ކުރަނީ އެހެެން ސަރުކާރުތައް ރުއްސަން ކަމަށާއި މީގެކުރިން މުސްލިމުންގެ ހައްގުގައި އެންމެ ފުރަތަމަ ބަސް އިއްވަނީ ރާއްޖެއިން ކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މީގެ ކުރިން ރާއްޖެއަކީ މުސްލިމުންގެ ހައްގުތަކާއި ގުޅޭ ކަންކަމުގައި އެންމެ ފުރަތަމަ ބަސް އިއްވާ ލިސްޓުގެ ކުރީގައި އޮންނަ ގައުމެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މަންޒަރު ފެންނަނީ އެހެން ސަރުކާރުތައް ރުއްސަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު ލަންކާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށް އެގައުމުގެ ސަރުކާރުން އެދުމުން ދިވެހި ސަރުކާރުން އެކަން ކޮށްދިނުމަަށް މަސައްކަތްކުރާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފޮރިން މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ބުނީ ކޮވިޑް-19 ގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވެފައި ވާތީ ރާއްޖެއިން އެކަމުގައި އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލަންކާގެ މުސްލިމުންނަށް ލަންކާގެ ފަސްގަނޑުން ޖާގަނުލިބުމަކީ އިންސާނީ ހައްގެއް ނިގުޅައިގަތުމެވެ. ކޮވިޑްގައި މަރުވާ މީހުން ވަޅުލުމަކީ ބަލިފެތުރުމަށް މެދުވެރިވާ ސަބަބެއް ކަމަށް ދުނިޔޭގެ ކަމާބެހޭ އެއްވެސް ފަރާތަކުން ނިންމާފައި ނުވާއިރު ސްރީލަންކާގައި މަރުވާ މުސްލިމުން އިސްލާމީ އުސޫލާއެއްގޮތަށް ވަޅުލުމުގެ ފުރުސަތު ލަންކާ ސަރުކާރުން ނުދީ އެކަމަށް ހުރަސް އެޅުމަކީ ރައްޔިތުން ތަކެއްގެ އަސާސީ ހައްގަކަށް އަރައިގަތުން ކަމަށް އދ ގެ ރިޕޯޓެއްގައި ވެސް ވަނީ ސިފަކޮށްފައެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން މި ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްރެރިވެ ވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު އަދި އދ ގެ ޚާއްޞަ ރެޕެޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޯވިޑްގައި މަރުވާ ލަންކާގެ މުސްލިމުން އަންދައި ނުލެވޭނެ ކަމަށާއި އެއީ އެމީހުންގެ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަދި ލަންކާގެ ސަރުކާރުން އެދުނު އެދުމަށް ދިވެހިސަރުކާރުން އިޖާބަ ދިނުމަކީ ލަންކާގެ މުސްލިމުން އިތުރަށް ނިކަމެތިވެ އެމީހުންގެ ހައްގުތައް އިތުރަށް ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން