ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ފަދައިން ނުވަތަ އެއަށްވުރެވެސް ބޮޑަށް ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުން މުހިއްމުކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ މިއަދުގެ ޚުތުބާގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަމާއި މެދު ވާހަކަ ދައްކާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.

"ދެ ދުނިޔޭގެ ބާއްޖަވެރިކަން ހެޔޮ ޢަމަލު ކުރާ މީހަކަށްވުމަށްޓަކައި، ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބޭނުންވާ ފަދައިން ނުވަތަ އެއަށްވުރެ ބޮޑަށް ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުން މުހިއްމެވެ. މިއަދުގެ ހުކުރު ޚުތުބާ ވަރަށް ޢިބުރަތްތެރި." މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އިސްލާމް ދީނުގައި ކަނޑައެޅިގެން ޙަރާމް ކުރެވިފައިވާ ބޮޑުވެގެންވާ ޖަރީމާއެއް ކަމުގައިވާ އަމިއްލައަށް މަރުވުމުގެ ވަބާ ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލައި އެކަމުގެ ހުރި ނުބައިކަމާއި ދީނީ ގޮތުން އެކަމުގެ ހުކުމްތައް ހާމަކޮށްފައިވެއެވެ. އެގޮތުން ޙަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައިވަނީ ﷲ ގެ ނިޔާއަށް ނުރުހުމާއި، ﷲ އިންސާނާ އިމްތިހާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާ މުޞީބާތްތަކަށް ކެތްތެރި ނުވެވުން ކަމަށާއި، މުސްލިމް އަޅާގެ ޢަޤީދާއަކަށް ވާންޖެހޭނީ، ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާ ކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ޤަބޫލު ކުރުން ކަމަގައި މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ދުނިޔެވީ މުސީބާތްތަކަށް ކެތްތެރިވުމުގެ ސަބަބުން ﷲ ތަޢާލާ އެކަލާނގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވާނެ ކަމަށާއި، ފާފަތައް ފުއްސަވާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެއްވާނެ ކަަމަށް ވެސް ޚުޠުބާގައި ވެއެވެ. އަދި ދިމާވާ އެފަދަ މައްސަލަތައް ތިމާއަށް ހެޔޮއެދޭ ގާތް ތިމާގެ މީހަކާ ނުވަތަ އެކަމުގެ މާހިރަކާ ހިއްސާ ކުރުމަށް ނުވަތަ ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއްގެ އެހީ ހޯދުމަށް ވެސް ޚުޠުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

"އޭރުން ﷲ ގެ އިޛުނައާއެކު ޙައްލެއް ލިބިދާނެކަމަށްވެސް" ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުކުރު ޚުޠުބާއަކީ މިދުވަސްވަރާ ވަރަށް ގުޅޭ މުހިންމު މައްސަލައެއްގައި އިސްލާމްދީނުގެ ހުކުމްތަކާއި އިސްލާމްދީން އެކަމަށް ހޯދައިދީފައިވާ ހައްލުތަކާއި ދުނިޔަވީ ގޮތުން ހޯދަން ޖެހޭ ހައްލުތައް ހިމަނައިގެން ނަފުސާނީ ބަލިމަޑުކަމާއި ދުރަށް ދިއުމަށް ވަރަށް މުހިންމު އިބްރަތްތެރި ދަރުސުތަކެއް ހިމެނޭ ޚުޠުބާއެއްކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން