އާދަމް ޝާރީފު އުމަރު މަޖިލީހުގައި
އާދަމް ޝާރީފު އުމަރު މަޖިލީހުގައި
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒަށް ބިރުދެއްކުމުގެ ނިޔަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ މުޢިއްޒަށް އޮތް ތާޢީދު ބޮޑުވަމުންދާތީ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެ ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، މުއިއްޒުގެ އިމްތިޔާޒުތަކާއި އިންތިޚާބީ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް "މިހާ އަވަހަށް ރައީސް ނަޝީދު ވާހަކަދައްކަވަން ފެށީ ޑރ. މުއިއްޒުއަށް ތާޢީދު ބޮޑުވަމުންދާތީ" ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ބޮޑު ތަފާތަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފު މިހެން ވިދާޅުވެފައި ވަނީ އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެނެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައި ޝާމިލްވާ ބޭފުޅެއްކަމަށާއި، ވަރަށް އަވަހަށް އެ ބޭފުޅާގެ މައްޗަށް ދަޢުވާކުރުމަކީ އެކަށީގެންވާކަމެއްކަމަށް ނަޝީދު މިރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ނަތީޖާއަށްވުރެ ބޮޑު ނަތީޖާއެއް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހޯދާނެކަމަށެވެ. އެ ގޮތުން މާލޭ ސިޓީ ކައުންސިލް، އެމްޑީޕީން ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންތިޚާބުގައި ވާދަކުރާ ހުރިހައި ކެންޑިޑޭޓުންނަށް އިންތިޚާބު ނިމެންދެން ފުރުސަތު ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނަމަވެސް އެ ބޭފުޅާގެ މައްޗަށް ދަޢުވާ ނުކޮށް އިންތިޚާބު ނިމެންދެން ބެހެއްޓުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މާލެއިން އެ ބޭފުޅާ ބޮޑުތަނުން ބަލިކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މުޢިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ ހައެއްކަ ވޯޓުކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން