ޒިދާން މުޙައްމަދު   19 ޑިސެމްބަރު 2020 - 15:50
ހިޔާ ފްލެޓް، ހުޅުމާލޭ ފޭސް - 2
ހިޔާ ފްލެޓް، ހުޅުމާލޭ ފޭސް - 2
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ "ހިޔާ ފްލެޓްތަކުގައި" ފަސް ޚިދުމަތެއް ދިނުމަށް ފްލެޓްތަކުގެ ކޮމާޝަލް އޭރިޔާ އިން ޖާގަ ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ހުޅުވާލައިފިއެވެ.

ފްލެޓް އިމާރާތްތަކުގެ ގްރައުންޑް ފްލޯ އެޗްޑީސީން ހުޅުވާލާފައިވަނީ ޒަރޫރީ ބޭނުންތަކަށާއި އާންމު ޚިދުމަތްތައް ލިބޭނެ ތަންތަން ޤާއިމް ކުރުމަށެވެ. އެގޮތުން ކްލިނިކް ހެދުމަށް 2196 އަކަފޫޓުގެ ޖާގަ ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ. ބޭސްފިހާރަ ހިންގުމަށްވެސް 542 އަކަފޫޓުގެ ސްލޮޓެއް ވަނީ ކަނޑައަޅާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްލިނިކާއި ބޭސްފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެއެވެ.

ހިޔާ ފްލެޓް 6 އާއި 14 އިން 3000 އަކަފޫޓަށްވުރެ ބޮޑު ދެ ޖާގަ، ސުޕަރމަރކެޓް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. ކާބޯތަކެތި ވިއްކާ ކުދި ފިހާރަތަކަށް ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ހިޔާ ފްލެޓް 12 އާއި 16އިންނެވެ. އެއީ 1000 އަކަފޫޓުގެ ޖާގައެވެ.

ހިޔާ ފްލެޓުގައި ކެފެޓީރިއާ ހެދުމަށްވެސް ޖާގަ ޚާއްސަކޮށްފައިވެއެވެ. އެއީ ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1085 އަކަފޫޓުގެ ޖާގައެވެ.

ކާބޯތަކެތި ވިއްކާ ފިހާރަ ހިންގަންބޭނުންވާ ފަރާތްތަކުންނާއި ސުޕަމާކެޓް ހިންގަން ބޭނުންވާ ފަރާތްތަކުން އަދި ކެފެޓީރިއާ ހިންގަން ބޭނުންވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނެ ފަހު ތާރީޚަކީ 20 ޖެނުއަރީއެވެ.

7000 ހިޔާ ފްލެޓަށް ގާތްގަނޑަކަށް 30000 މީހުން ދިރިއުޅުން ބަދަލު ކުރާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދު ވެގެން ދާނީ ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ތަނަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން