ކްރިސްމަސް ފާހަގަ ކުރުމުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ މުސްލިމް ސްޓާފުން ބައިވެރި ނުވުމަށް ޝެއިޚް އިލްޔާސް އާއި ޝެއިޚް އަލީ ޒައިދު އިލްތިމާސް ކުރައްވާފިއެވެ.

މާފުށީ ގެސްޓްހައުސެއްގައި ބަހައްޓާފައި ހުރި ކްރިސްމަސް ޓްރީ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާ ގުޅޭ ގޮތުން ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ކްރިސްމަސް ފާހަގަ ކުރުމުގައި ރިސޯޓުތަކުގައި އުޅޭ ދިވެހި މުވައްޒަފުން ބައިވެރި ވުމާއިމެދު އިސްލާމް ދީނުގެ އިލްމްވެރިންގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުކަން ފާހަގަ ކުރެވެވެއެވެ.

އެމްޑީޕީގެ އިސް މެންބަރެއް ކަމަށްވާ ރައީސް ނަޝީދުގެ ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި އާދިލް ސަލީމް ވަނީ ފުލުހުން ގެސްޓް ހައުސްއެއްގައި ހުރި ކްރިސްމަސް ގަހެއް ނަގައިގެން އެކަމާ ވަރަށްބޮޑަށް ނުރުހުންފާޅުކުރަށްވައި އެކަންކުރި ފުލުހުންނާއި ސަރުކާރަށްވެސް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

"ކްރިސްމަސް ފާހަގަކުރުމަށް ތާއީދު ކުރުމަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުނުކުރާ ކަމުގެ ހެއްކެއް. ތިމާ ބޭނުންވާ ކަމެއް ހާސިލުކުރުމަށް ގާނޫނުތައް ހެދިޔަސް އިލާހީ ގާނޫނާ ފުށުއަރާ އެއްވެސް ގާނޫނުތަކަށް މުސްލިމުން ޢަމަލު ކުރަން ނުޖެހޭނެ." ޝެއިޚް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޝައިޚް އިލިޔާސްގެ މި ޓުވީޓާއެކު އެކަމަށް ހެކިދޭ ކީރިތި ޤުރުއާންގެ އާޔަތަކާއި އެ އާޔަތުގެ މާނަ ވެސް ހިއްސާ ކުރަށްވާފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ޝެއިޚް އަލީ ޒައިދުވެސް ވަނީ ޓުވީޓެއް ކުރައްވާފައެވެ.

"ރިސޯޓުތަކުގެ މުސްލިމް ސްޓާފުންނަށް އަޅުގަނޑު ދަންނަވާނީ ކްރިސްމަސް ފާހަގަ ކުރުމުގެ އެއްވެސް ކަމެއްގައި އެއްވެސް މުސްލިމަކު ބައިވެރި ނުވާށޭ! ޣައިރު މުސްލިމު ސްޓާފުން އެކަން ކޮށްފައިނޫންހޭ! އަދި މިއާ ޚިލާފަށް ރަށްރަށުގައި މިކަން ކުރަން އުޅުމަކީ ނުބައިގެ މައްޗަށް ނުބައެކޭ! ވިސްނަވާށޭ!" ޝެއިޚް ވިދާޅުވެފައިވެއެވެ.

މިކަމާގުޅޭ ގޮތުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ ވިޔަފާރި ފުޅާ ކުރުމަށް ގައުމުގެ ދީނާއި މިނިވަންކަން ގުރުބާންކޮށްގެން ނުވާނެ ކަމަށެވެ.



މި ހާދިސާއާއި ގުޅިގެން ރާއްޖޭގެ އިސްލާމް ދީނުގެ ޢިލްމުވެރިން ގެންދަނީ އިސްލާމީ މިންގަނޑުގެ ތެރެއިން ވިޔަފާރިކޮށް ފައިދާ ހޯދުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ނަސޭޙަތްތެރި ވެވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން