ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް
"ވާނުވާ" ބަންދުގެ ޙަޤީޤީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީޢަތް ހިންގުން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި މިއަދު ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވެފައިވަނީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ކުރާ "ވާނުވާ" އަމުރާ މެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި އެކަމަށް ޙައްލެއް ގެނެވޭތޯ އެކި ސިފަ ސިފައިގައި ތަފާތު އެކި މަސައްކަތް ކުރެވިފައި ވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ޕީޖީގެ މަޤާމާ ޙަވާލުވިފަހުން، "ވާނުވާ" ޖެހުމުގެ މިންގަނޑު ވަނީ ހަރުކަށި ކޮށްފައި ކަމަށާއި، އެގޮތުން މިހާރު ބަންދުގައި ތިބޭނީ ކޮންމެހެން ބަންދުގައި ތިބެންޖެހޭކަމަށް ފެންނަ މީހުން ކަމަށް ޝަމީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މީހުން މެރިކަމަށް ތުހުމަތުވާ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މީހުންނާއި ބޮޑެތި ޢަދަދުތަކުން ޑްރަގް ޓްރެފިކްކުރާކަމަށް ތުހުމަތުވާ މީހުންނެވެ.

ޕީޖީ ވިދާޅުވީ، "ވާނުވާ" ބަންދުގެ ޙަޤީޤީ ވެކްސިނަކީ އަވަހަށް މައްސަލައިގެ ޝަރީޢަތް ހިންގުން ކަމަށާއި، އެއީ ކޮންޓިނުއަސް ހިޔަރިންގެ އުސޫލް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރާ ގޮތަކީވެސް އެއީ ކަމަށާއި، ޤާނޫނު ތަންފީޒުވާން ފެށުމުން "ވާނުވާ" ވުމުގެ ފުރުޞަތެއްވެސް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަޞައްވަރު ކުރަނީ ކޮންމެ ކަމަކަށްވެސް ވަކި މުއްދަތުތަކެއް އޮތުންކަމަށާއި، އެގޮތުން މީހަކު ހައްޔަރުކުރާ ދުވަހުން ފެށިގެން އެމީހެއްގެ މައްސަލަ ތަޙްޤީޤު ނިންމާ ޕީޖީ އޮފީހަށް ފޮނުވާނެ މުއްދަތެއް ޤާނޫނުގައި އެބަ އޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެމައްސަލައެއްގައި ދަޢުވާއެއް ކުރާނަމަ، ކުރަންޖެހޭނެ މުއްދަތެއް އެބަ އޮތް ކަމަށާއި، އެގޮތުން ބަންދުގައި ހުރި މީހަކު ނަމަ، 30 ދުވަސް އަދި ބަންދުން ވީއްލިފައި ހުރިނަމަ، 45 ދުވަހުގެ ތެރޭގައި ދަޢުވާ ކުރަން ޖެހޭ ކަމަށް ޝަމީމް ވިދާޅުވިއެވެ.

“ވާނުވާ” ގެ މައްސަލަ ޙައްލުކޮށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 116 ވަނަ މާއްދާގެ (ހ) ގައި ބުނާ ތާވަލާ އެއްގޮތަށް ޝަރީޢަތް ހިންގުމަށްޓަކައި، އެންމެ އުފެއްދުންތެރި ޙައްލެއްކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ކަމަކީ ދެމިގެންދާ ގޮތަށް އަޑުއެހުންތައް ކުރިއަށް ގެންދިއުން ކަމަށާއި، މިހާރުވެސް ކުރިމިނަލް ކޯޓުން މިއުޞޫލުން ޝަރީޢަތްތައް ހިންގަވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

އެގޮތުން މިހަފްތާގެ ތެރޭގައި ނިމުނު މައްސަލައެއްގެ ތަފްސީލް ދެއްވަމުން ޝަމީމް ވިދާޅުވެފައިވަނީ، އެމައްސަލައިގެ ޙާދިސާ ހިނގައިފައި އޮތީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށެވެ. ފުލުހުންނަށް ރިޕޯޓުވެގެން އެމައްސަލައިގެ ތަޙްޤީޤު ހިންގައި، ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިފައި އޮތީ އަހަރެއްހައި ދުވަސް ފަހުން، 2019 އޮކްޓޯބަރ މަހުއެވެ. އެމައްސަލައިގެ އަޑުއެހުންތައް 2020 މާރިޗު މަހަށް ޝެޑިއުލް ކުރެއްވިއެވެ. ނަމަވެސް ކޮވިޑު ލޮކްޑައުނާއެކު އޭރު ޝަރީޢަތް ނުފެށުނެވެ. އޭގެ ފަހުން، ޝަރީޢަތުގެ ކުރީގެ މަރްޙަލާ، 3 ދުވަހުން ނިންމެވިއެވެ. އިފްތިތާޙީ ބަޔާނާއި ހެކިބަސް ނެގުން އޮތީ 28 ނޮވެމްބަރ 2020 ގައެވެ. ޖެހިގެން އައި ދުވަހު އޮތީ ޚުލާޞާ ބަޔާން ހުށަހެޅުމެވެ. އެއަށްފަހު، ދެހަފްތާއެއްހައި ދުވަހަށްފަހު، 16 ޑިސެމްބަރ 2020 ދުވަހު މައްސަލައިގައި ޙުކުމް ކުރެއްވިއެވެ. އެގޮތުން އެ ޝަރީޢަތަށް ހޭދަވީ ޖުމްލަ ތިން ހަފްތާއެއްހައި ދުވަސް ކަމަށާއި، ދަޢުވާ ލިބުނު މީހާ ހުރީ ބަންދުގައިވެސް ނޫން ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން