ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

އަދި މިއަދު މެންދުރު ފަހުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ބުނެެއެވެ. އަދި ވިލާ ގަނޑުގައި، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރެއެވެ.

ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގައި 3 ފޫޓާއި 6 ފޫޓާއި ދެމެދުގައެވެ. އަދި ދެކުނުގެ އަތޮޅު ތަކުގައި 2 ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް މިސަރަޙައްދުތަކުގައި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން