ކޯޓުތަކުން ކުރާ ހުކުމަކީ އެއް އިރަކުވެސް ވިއްކަން ހުންނަ އެއްޗެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ހުކުމެއް ނުވިއްކާނެ ކަމަށާއި، ހުކުމް ވިއްކައިފިނަމަ އެކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ އެމަނިކުފާނު ދައްކަވާފައިވާ ވާހަކަ ތަކަށް ރައްދު ދެއްވައެވެ.

"ހުކުމަކީ އެއް އިރަކުވެސް ވިއްކަން ހުންނަ އެއްޗެއް ނޫން. ޙުކުމް ވިއްކާތޯ އުޅުނު މީހުންނަށް ހީވެދާނެ އެއީ ވިއްކާނެ އެއްޗެއް ކަމަށް! މިއަދު ޙުކުމް ކުރަން ތިއްބަވާ ފަނޑިޔާރުންނަށް ޙުކުމެއް ކުރެވެން ވެސް އޮންނަނީ ޖޭއެސްސީ އެޕްރޫވް ދެއްވީމަ. ތާވަލު ކުރެވެނީ ވެސް ޖޭއެސްސީ އެޕްރޫވް އާއެކު." ކުރީގެ މަޖިލިސް މެންބަރު ޝުޖާޢު ވިދާޅުވެފައިވެއެވެ.

އެމްޑީޕީން ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިހަރު ކޯޓުތަކުން ހުކުމެއް ނުވިއްކޭނެ ކަމަށާއި، ހުކުމް ވިއްކައިފިނަމަ އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. މީގެއިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަނުންވެސް އަދި ރައްޔިތުންގެ މަޖިލިހުންވެސް އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ނަޝީދު ވިދާޅިވިއެވެ.

މިފަދަ ކަންކަން ކުރިޔަ ނުދިނުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުރިހާ މެމްބަރުން ބަދަލު ކުރަށްވާފައިވާ ކަމަށްވެސް ރައީސް ނަޝީދު ފާހަގަ ކުރައްވާފައިވެއެވެ.

ރައީސް ނަޝީދާއި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ބަޔަކު ޝަރުޢީ ދާއިރާގެ ބެލެނިވެރި އިދާރާ، ޖޭއެސްސީގައި ތިއްބަވައިގެން ކޯޓުތަކުގައި ހިނގާ މައްސަލަ ތަކަށް ނުފޫޒު ފޯރުވައި އެމްޑީޕީ ނުރުހޭ ފަނޑިޔާރުން މަގާމުން ވަކި ކުރަމުން ދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. އަދި އިދިކޮޅު ލީޑަރު ރައީސް ޔާމިންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި އެމަނިކުފާނުގެ މައްޗަށް ކުރާނެ ހުކުމްތައް ކަނޑައަޅަމުން ގެންދަނީ ޖޭއެސްސީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ޖޭއެސްސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން