ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޒިނޭގެ ދެވައްތަރެއްގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެއީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭކަމަށާއި ޤާނޫނީ ޒިނޭ ޑީއެންއޭ ހެކީގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޒިނޭކޮށްގެން ލިބުނު ކުއްޖެއްގެ ބައްޕައަކީ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުަގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ނިންމުމުން އުފެދިފައިވާ ސުވާލުތަކާއި ގުޅޭގޮތުން އޭނާގެ ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޝަމީމްގެ ލިޔުއްވުމުގައި އިތުރަށް ފާހަގަކރަށްފައިވާ ކަންކަމަށް ބަލާއިރު، ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ޑީ.އެން.އޭއަކީ ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ބޭނުންކުރާނެ "އެކަށީގެންވާފަދަ ގޮތުގައި ޤަބޫލުކުރެވިދާނެފަދަ ޤަރީނާ" އެއްކަމަށް ކަނޑައެޅިގެން ލިޔެފައި އޮތުން ހިމެނެއެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެކަމާބެހޭ ގޮތަކުން އެއްވެސް ސުވާލެއް ނެތް ކަމަށް ޝަމީމް ދެކެވަޑައިގަންނަވައެވެ.

"ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް މިމާއްދާއަކީ އިސްލާމީ ޝަރީޢަތާ ޚިލާފު މާއްދާއެއްކަމަށް ފެނިވަޑައިގެންނެވިނަމަ، މިމާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު، ޢަމަލު ކުރަން ނުޖެހޭ މާއްދާއެއްކަމަށް ލިޔުނީހެވެ. ނަމަވެސް، ޞަރީޙަ ޢިބާރާތުން އެހެން ވިދާޅުވެފައެއް ނުވެއެވެ." ޝަމީމްގެ ލިޔުއްވުމުގައި ވެއެވެ.

ޝަމީމްގެ ލިޔުއްވުމުގައި ވިދާޅުވީ ޑީއެންއޭގެ މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންނާ އޭނާ އަށް އެއްބަސްވެ ވަޑައިނުގެންނެވޭ ހިސާބަކީ، މިމައްސަލައިގައި ދައުލަތުން ޑީއެންއޭ އެވިޑެންސް ހުށަހެޅި ސަބަބެވެ.

"ޑީއެންއޭ ޤަބޫލުނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާށެވެ. އެއީ ފަތުވާގައިވެސް އޮތް ގޮތެވެ. ނަމަވެސް، ޕީޖީ އޮފީހުން ހުށަހެޅި މައްސަލައިގައި ޑީއެންއޭ ހުށަހަޅައިފައި އޮތީ ކުއްޖާގެ ނަސަބު ސާބިތުކުރާކަށް ނޫނެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން އެއްވެސް ސުވާލެއް މިމައްސަލައަކު ނުވެސް ނެތެވެ. ޑީއެންއޭ ހުށަހެޅީ ފިރިހެން މީހާ ޒިނޭކުރިކަން ސާބިތު ކުރާށެވެ. ޤާނޫނީ ޒިނޭއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ފާހަގަކުރެއްވި ގޮތުގައި، ހައިކޯޓުން ބެއްލެވި މައްސަލައިގައި ދައުލަތުން ސާބިތުކޮށްދޭންޖެހެނީ "ފިރިހެނަކު، އޭނާގެ އަނބިމީހާ ނުވަތަ އޭނާ ކުރި ރަޖުޢީ ވަރިއެއްގެ ޢިއްދައިގައި އިން އަންހެނާ ފިޔަވައި، އެހެން އަންހެނެއްގެ ފަރުޖަށް އެ ފިރިހެން މީހާގެ ޒަކަރު ނުވަތަ ޒަކަރުގެ ކުޑަމިންވަރެއް ނަމަވެސް ވެއްދި" ކަމެވެ.

މިމައްސަލައިގައި ހިމެނޭ އަންހެން މީހާއަކީ، އެ ފިރިހެން މީހާގެ އަނބިމީހާ ނޫންކަމާމެދަކު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާ ކަމަށާއި ސުވާލު އުފެދެނީ ފަރުޖަށް ޒަކަރު ވެއްދިކަން ނުވަތަ ނޫންކަމާމެދު ކަމުގައި ޝަމީން ވިދާޅުވިއެވެ.

"އެކަން (ފަރުޖަށް ޒަކަރު ވެއްދިކަން) ސާބިތު ކުރަން ހުށަހެޅީ ޑީއެންއޭ ހެއްކެވެ. ކުއްޖަކު މިއޮތީ ވިހާފައެވެ. ވެއްދިތަން ނުފެނުނަސް، އެހެން ޤަރީނާ (ޑީއެންއޭ) އިން ވެއްދިކަން ސާބިތުކޮށްދެނީއެވެ. އެއީ، ޑީއެންއޭ ލިބޭނީ ނުވެއްދުމަށްވުރެ ބޮޑަށް ވެއްދިކަމަށް ޤަބޫލުކުރެވިގެން ކަމަށްވާތީއެވެ. އެހިސާބުން ޤާނޫނީ ޒިނޭ ސާބިތުވާނެއެވެ. އެއާ ޚިލާފަށް ޝަރުޢީ ޒިނޭ ސާބިތުކުރުމަށް ބޭނުންވަނީ، އެމަންޒަރު ދުށް ހެކިންނެވެ. ދެ ޒިނޭގެ ތަފާތަކީ މިއީއެވެ." ޝަމީމް ލިޔުއްވާފައި ވެއެވެ.

މިކަން އިތުރަށް ސާފުވަނީ ޕީޖީ އޮފީހަށް ޤާނޫނުއަސާސީން ދީފައިވާ ދައުރުން ކަމަށް ޝަމީމް ވިދާޅުވިއެވެ. ކުއްޖާގެ ނަސަބާބެހޭ ގޮތުން ސުވާލެއް އުފައްދާ، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމުގެ ޤާނޫނީ ހައިސިއްޔަތެއް (ވަރަށް ނާދިރު ޙާލަތެއްގައި މެނުވީ) ޕްރޮސިކިއުޓަރ ޖެނެރަލަކަށް ނުވެސް އޮންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި އެއީ މިމައްސަލައިގައި އުފެދިގެންވާނެ ސުވާލެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚުލާޞާއަކީ، ޑީއެންއޭއަކީ މިމައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ޤަރީނާއެކެވެ. އެނޫން ގޮތަކަށް ހައިކޯޓުގެ ޙުކުމުގައެއްވެސް ނެތެވެ. ފަތުވާ މަޖިލީހުގެ ފަތުވާގެ ދެވަނަ ބައިގައި އޮތީ، "އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިނުވާ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ހޯދުމުގައި ޑީއެންއޭ ޤަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެކަމަށް ފިޤުހު ޢިލްމުވެރިން ވިދާޅުވެފައިވާ" ކަމަށެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ޚުދު ފަތުވާ މަޖިލީހުންވެސް އެއްބަސްވެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމުގެ ބްލޮގްގައި މިއަދު ލިއުއްވާފައިވާ މި ލިއުން ފަށްޓަވަމުން ވިދާޅުވެފައިވަނީ "މިލިޔުމަކީ، ޖިނާއީ މައްސަލަތަކުގައި ޑީއެންއޭ އެވިޑެންސް ޤަބޫލުކުރެވޭނެކަން ނުވަތަ ނޫންކަމާބެހޭ ގޮތުން ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން ހުރެގެން، އެވާހަކަ އަޅުގަނޑާވެސް ހިއްސާ ކުރަމުން ގެންދާތީ، އެކަމާމެދު އަޅުގަނޑަށް ފެންނަ ގޮތެއް ކިޔައިދެވޭތޯ ބެލުމަށް ލިޔާ ލިޔުމެކެވެ. މިލިޔުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކި މައްސަލައެއްގައި ނިންމި ގޮތް ރަސްމީކޮށް ބަޔާންކުރާ ލިޔުމެއް ނޫނެވެ."

"މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަންޖެހޭ ނިންމުމެއް، އޮފީހުގައި އެކަމަށް ހަމަޖެހިފައި އޮންނަ ނިޒާމުގެ ތެރެއިން ކުރިއަށްދާނެއެވެ. އަޅުގަނޑު ދެކެނީ، އަޅުގަނޑުގެ މަސައްކަތް ކާމިޔާބުވީކަމަށް ވާނީވެސް، އޮފީހުގެ އެތެރޭގެ ނިޒާމުތައް ހަރުދަނާ ކުރެވި، ނިޒާމުގެ ތެރެއިން ކަންކަން ކަންކަން ކުރެވޭނެ އުޞޫލުތައް ހެދިފައި ހުރުމެވެ. އަޅުގަނޑަށް ލިބިފައިވާ ނަޞީބަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި މިބާވަތުގެ ކަންކަމުގައި ގޮތް ނިންމުމަށް ލަފާދޭން ވަރަށް ކުޅަދާނަ ވަކީލުން ތިއްބެވި ކަމެވެ. ނަމަވެސް، މިލިޔުމަކީ އަޅުގަނޑުގެ ޚިޔާލެވެ. ޚިޔާލު ފައުޅުކުރަން އަޅުގަނޑު ކަނޑައެޅި ދާއިރާގެ ތެރޭގައި ފައުޅުކުރާ ޚިޔާލެކެވެ." ޕީޖީ ޝަމީމު ލިއުއްވާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން