ޒިނޭ، ޒިނޭއަކަށް ވަނީވެސް އިސްލާމީ ޝަރީޢަތުގައި ކަމަށް ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޒައިދު މިހެން ވިދާޅުވެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ޒިނޭގެ ދެވައްތަރެއްގެ ކުށް ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައި ވާނެ ކަމަށާއި އެއީ ޝަރުއީ ޒިނޭ އާއި ޤާނޫނީ ޒިނޭކަމަށާއި އޭގެތެރެއިން ޤާނޫނީ ޒިނޭ ޑީއެންއޭ ހެކީގެ މައްޗަށް ބުރަވެ ސާބިތު ކުރެވޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

"މި ރާއްޖޭގައި ހުރީ ޝަރުޢީ ކޯޓްތަކެއް! ޒިނޭ، ޒިނޭ އަކަށް ވަނީވެސް އިސްލާމީ ޝަރީޢަތުގައި! ޒިނޭ ކުރިކަމާ ނަސަބް ސާބިތު ކުރަން ޑީއެންއޭ ބޭނުމެއް ނުކުރެވޭނެ! ޝަރުޢީ ޒިނޭ އާއި ޤާނޫނީ ޒިނޭގައި ތަފާތެއް ނެތް. ޒިނޭގެ ކުށް ސާބިތުކުރަން ޑީއެންއޭ ބޭނުމެއް ނުކުރެވެނެ. ހައިކޯޓުގެ ހުކުމް ރަނގަޅު."ޝައިޚް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޝަމީމް ވިދާޅުވެފައިވަނީ ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕަ ކާކުކަން ސާބިތުކުރަން ޑީއެންއޭހެކި ކޯޓަށް ބަލައި ނުަގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖާގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށެވެ.

ޒައިދު ވިދާޅުވީ ޝަރުޢީ ނިންމުން ތަކުގައި ޑީއެންއޭ ހެކި ބޭނުން ނުކުރެވޭނެ ކަމަށް އޭނާވެސް ވިދާޅު ނުވާ ކަމަށެވެ. ޝަރުޢީ ބައެއް މައްސަލަތައް ސާބިތު ކުރަން ޑީއެންއޭ ބޭނުން ކުރެވުނަސް ޒިނޭ ސާބިތުކުރުމާއި އެފަދަ ކުދިންގެ ނަސްލާއި ބަފާ ކަށަވަރު ކުރުމަށް ޑީއެންއޭ ހެކި ބޭނުން ނުކުރެވޭނެ ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.

"ކާފިރު (މުސްލިމް ނޫން) ގައުމުތަކުގައި ޒިނޭކޮށް އެތައް ދަރިންނެއް ހޯދާ މުސްކުޅިވީމާ ކައިވެނި ކުރިޔަސް އަޅުގަނޑުމެންނަށް އެހެން ހަދަން އޯކޭ ދެވޭކަށް ނެތް. އަޅުގަނޑުމެން މިތިބީ އިސްލާމުންނަށް ވެގެން. އަޅުގަނޑުމެން ފޮލޯ ކުރަންވާނީ ﷲ ގެ ޤާނޫނަށް." ޒައިދު ކުރެއްވި ޓްވީޓް ތަކުގައި ވެއެވެ.



ޑީއެންއޭއަކީ މިމައްސަލައިގައިވެސް އަދި އެހެން މައްސަލަތަކުގައިވެސް ޖިނާއީ ކުށް ސާބިތުކުރުމަށް ބޭނުންކުރެވޭނެ ހަރުދަނާ ޤަރީނާއެއް ކަމަށާއި އެނޫން ގޮތަކަށް ހައިކޯޓުގެ ޙުކުމުގައިވެސް ނެތްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމު މިއަދު ވިދާޅުވެފައި ވެއެވެ. އަދި ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުން ކުރެވިދާނެކަމަށް ޚުދު ފަތުވާ މަޖިލީހުންވެސް އެއްބަސްވާކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމުގެ ބްލޮގްގައި މިއަދު ޝާއިޢު ކުރެއްވި ލިއުމެއްގައި ވިދާޅުވީ ޤާނޫނުލްޢުޤޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ޑީއެންއޭއަކީ ޤާނޫނީ ޒިނޭ ސާބިތު ކުރުމަށް ބޭނުންކުރާނެ "އެކަށީގެންވާފަދަ ގޮތުގައި ޤަބޫލުކުރެވިދާނެފަދަ ޤަރީނާ" އެއްކަމަށް ކަނޑައެޅިގެން ލިޔެފައި އޮންނަ ކަމަށެވެ. އެހެންކަމުން، ޤާނޫނީ ޒިނޭ ސާބިތުކުރުމަށް ޑީއެންއޭ ބޭނުންކުރެވިދާނެ ކަމާބެހޭ ގޮތުން އެއްވެސް ސުވާލެއް ނެތް ކަމަށް ޝަމީމް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައި ވެއެވެ.

"ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް މިމާއްދާއަކީ އިސްލާމީ ޝަރީޢަތާ ޚިލާފު މާއްދާއެއްކަމަށް ފެނިވަޑައިގެންނެވިނަމަ، މިމާއްދާއަކީ ޤާނޫނުއަސާސީއާ ޚިލާފު، ޢަމަލު ކުރަން ނުޖެހޭ މާއްދާއެއްކަމަށް ލިޔުނީހެވެ. ނަމަވެސް، ޞަރީޙަ ޢިބާރާތުން އެހެން ވިދާޅުވެފައެއް ނުވެއެވެ." ޝަމީމްގެ ލިޔުއްވުމުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ޖީ

22-Dec-2020

މިފަހަރު ޝައިޚު ޢަލީ ޒައިދަށް ތާއީދު



ޓްރެންޑިން