އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު (ކ) އާއި ޕީޖީ ޝަމީމް (ވ)
އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު (ކ) އާއި ޕީޖީ ޝަމީމް (ވ)
ޝަރުޢީ ޒިނޭ އާއި، ޤާނޫނީ ޒިނޭ އެއް ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމުން ޤާނޫނުލް ޢުޤޫބާތާމެދު ސުވާލު އުފެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުޢީ މުޞްޠަލަޙުތައް ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙަތެއް ބޭނުން ކުރަމުންދާ ގޮތަށް ކަަމަށެވެ. އަދި ޤާނޫނީ ގޮތުންވެސް މިފަދަ ޝަރުޢީ މުސްޠަލަޙުތައް ބޭނުންކުރަމުން ދަނީ ޝަރުޢުގައި ވާގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވާއިރު ދިވެހިރާއްޖޭގައި 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޤާނޫނުލްއުޤޫބާތުގެ ޑްރާފްޓް ގައި އެންމެ ފުރަތަމަ ޒިނޭގެ ލަފްޒު ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސެއިން ޝަމީމް ވަނީ ވިދާޅުވެފައެވެ. ޕީޖީ ވިދާޅުވެފައިވާ ގޮތުންނަމަ، "މިބަސް ނެތީ، ކުށް ތަކަށް ނަން ދެވިފައި ހުރި ގޮތަށް ގެނައި ބަދަލަކާއެކުއެވެ. އޭރު ބޭނުން ކޮށްފައި އޮތީ "ޖިމާޢު" ވުމެވެ. ރުހިގެންނާއި ރުހުމެއް ނެތި ޖިމާޢު ވުމެވެ."

ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައި ވަނީ، ޤާނޫނުލްޢުޤޫބާތުގައި ކުށްތަކަށް ދީފައިވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ގެންނެވި ބަދަލުތަކާއެކު "ޒިނޭ" މި ބަސް އަނބުރާ ގެނެސް، ޒިނޭގެ ދެވައްތަރެއްގެ ކުށް ބަޔާންކުރާގޮތަށް ޤާނޫނުލްޢުޤޫބާތު ފާސްވެގެން ދިޔައީ ކަމަށެވެ. މިސަބަބަށްޓަކައި، ޤާނޫނުލްޢުޤޫބާތު ކިޔަވައިދިންއިރު ކިޔައިދެމުން އައީ "ބަހަކީ ބަހެއް ނޫން" ކަމަށާއި، "ބަހަކީ އެއަށް އަޅުގަނޑުމެން ދޭ މާނައެއް" ކަމަށެވެ. އޭގެ ބޭނުމަކީ، ބަހުގެ ޤައިދުން ނެއްޓި، ފުޅާކޮށް، ނަތީޖާ ނެރެވޭ ގޮތަށް ވިސްނުން ބަދަލުކުރަން މަސައްކަތް ކުރުން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، ޒިނޭ ވާނީ ޒިނޭއަށް ކަމަށާއި، ކައިވެނި ވާނީ ކައިވެންޏަށް ކަމަށެވެ. އަދި ލިވާޠު ވާނީ ލިވާޠަށް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

"އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށްވެފައި، މިފަދަ ޝައުޢީ މުޞްޠަލަޙުތަކުގެ ޝަރުޢީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުޢީ މިންގަނޑުތަކާއި ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމެއް ކަމުގައިވާތީ، ޝަރުޢީ މުޞްޠަލަޙުތައް (ލަފްޒުތައް) ބޭނުން ކުރަންވާނީ ޝަރުޢުގައި އެ މުޞްޠަލަޙެއްގެ ބޭނުން ކުރުމަށް އޮންނަ ގޮތަށެވެ." އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓްގައި ވެއެވެ.

ޕީޖީ ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވަނީ، ޤާނޫނުލްޢުޤޫބާތު އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި، ޖިންސީ ކުށުގެ ބައި ޑްރާފްޓް ކުރިއިރު ކުރިމަތިވި ސުވާލަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި، ޒިނޭގެ މައްސަލަތަކުގައި ހަމައެކަނި އަންހެންމީހާ ކުށްވެރިވާކަން ތަފާސް ހިސާބުން ދައްކާތީ އުފެދޭ ސުވާލު ކަމަށެވެ.



އަދި އޭރު، ދައުލަތުން، އަންހެނަކު ކާވެނިން ބޭރުން ވިހައިފިނަމަ ދެ ގޮތަކަށް ދަޢުވާ ކުރާ ކަަމަށާއި، ފުރަތަމަ ގޮތަކީ ތަޙްޤީޤުގައި އޭނާ ޒިނޭ ކުރިކަމަށް އިޢުތިރާފު ވެއްޖެނަމަ، ޒިނޭކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. ދެވަނަ ގޮތަކީ، ތަޙްޤީޤުގައި ޒިނޭ ކުރިކަމަށް، އެ ޢިބާރާތުން އިންކާރު ކޮށްފިނަމަ، ކާވެނިން ބޭރުން ކުއްޖަކު ވިހާފައިވާތީ، "ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދަޢުވާ" ކަމަށެވެ. އަދި ކާވެނިން ބޭރުން ވިހައިފިނަމަ، ދަޢުވާއެއް ނުކުރާނެ ހަމައެކަނި ގޮތަކީ، އޭނާ ރޭޕްކުރީކަމަށް ބުނެގެން ކަމަށް ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.

އޭރު ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ދަޢުވާއެއް ކުރެވެން އޮންނަ ހަމައެކަނި ގޮތަކީ، އެމީހާ އެކަމަށް އިޢުތިރާފު ވުމުން ކަމަށާއި، ނުވަތަ ހަތަރު ހެކިންގެ ހެކިބަސް ލިބުމުން ކަމަށް ޕީޖީ ވިދާޅުވިއެވެ.

"ޒިނޭގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުންނާ ތަފާތު ކުރެވޭކަމަށް ފެންނަގޮތް މެދުވެރިވަނީ، ޒިނޭ ސާބިތުކުރުމުގެ މިންގަނޑު އޮންނަ ގޮތުންނެވެ. ޒިނޭ ސާބިތުކުރުމަށް އަބަދުވެސް ބޭނުންކުރަމުން އައީ އިސްލާމީ ޝަރީޢަތުގައި އެކުށް ސާބިތުކުރުމަށް އޮންނަ މިންގަނޑެވެ. އެއީ، އަމިއްލަ އިޢުތިރާފު ނުވަތަ ހަތަރު ހެކިންގެ ހެކިބަހެވެ. ޒިނޭ ކުރާ އަންހެން މީހާ އިޢުތިރާފުވާ މިންވަރު ގިނައީއެވެ. އެހެން ވަނީ، އޭރު ނިޒާމު އޮތް ގޮތުން، އިންކާރު ކުރިޔަސް ދަޢުވާއެއް ކުރާތީއެވެ. "ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ" ކުށުގެ ދަޢުވާއެވެ. ވިހެއުމާއެކު، އެ ކުށް އޮންނަނީ ސާބިތު ކުރެވެން ފަސޭހަވެފައެވެ. ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމަކީ އަދި ޒިނޭއެއް ނޫނެވެ. އެއީ މުޅިން ވަކި ކުށެކެވެ. މިއީ އަންހެނުންނަށް ޚާއްޞަ ކުށެކެވެ." އެ ލިޔުމުގައި ވެއެވެ.

ޕީޖީ ވިދާޅުވީ، ޒިނޭއެއް ކުރެވެނީ އަންހެނަކާއި ފިރިހެނަކާ ދެމީހުން ވެގެން ކަމަށާއި، އޭގެ ތެރެއިން އަންހެން މީހާގެ މައްޗަށް ދަޢުވާ ކޮށް، ކުށް ސާބިތު ކުރުމަށް ތަފާތު ވަކި ފަސޭހަ ގޮތެއް އޮތުން އެއީ އިންޞާފުވެރި ގޮތެއް ނޫންކަމަށް ޤާނޫނުލް އުޤޫބާތް އެކުލަވާލި ދުވަސްވަރު ފެނުނީ ކަމަށެވެ.

"އެހެންވެ އެކަމުގެ ޙައްލެއް ގެނައުމަށް ޤާނޫނުލްޢުޤޫބާތުން ގެނައި ޙައްލަކީ ދެވައްތަރެއްގެ ޒިނޭ ތަޢާރަފު ކުރުމެވެ. އެއް ވައްތަރަކީ، އިސްލާމީ ޝަރީޢަތުގައި އޮތް ޒިނޭއެވެ. އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީޢަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑުކަމަށްވެސް ޤާނޫނުލްޢުޤޫބާތުގައި ލިޔުނީއެވެ. އެއީ، އޭރުވެސް އޮތް ގޮތެވެ. ދެވަނަ ޒިނޭއަކީ ޤާނޫނީ ޒިނޭއެވެ. އެއީ، ސާބިތު ކުރުމުގެ މިންގަނޑު ދަށް ޒިނޭއެކެވެ." ޤާނޫނުލް ޢުޤޫބާތާއި ޙަވާލާދެއްވައި ޝަމީމް ވިދާޅުވިއެވެ.

އެގޮތުން ޤާނޫނީ ޒިނޭގައި ޒިނޭކުރުމުގެ ތުހުމަތަށް އިންކާރު ކޮށްފިނަމަ، އެހެނިހެން ހެކީގެ މައްޗަށް ކުށް ސާބިތު ކުރުމުގެ ފުރުޞަތު އޮންނަކަމަށާއި، މިގޮތުން، ދެމީހުންގެ މައްޗަށްވެސް ކުށް ސާބިތުކުރުމަށް ތަފާތު ޤަރީނާތައް ތަޢާރަފު ކޮށްފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި އަންހެން މީހާގެ މައްޗަށް ވަކި މީހަކަށް ނުލައްވާ ވިހެއުމުގެ ކުށުގެ ދަޢުވާ ކުރުމުގެ ބަދަލުގައި، ވިހެއުމަކީ، ޤާނޫނީ ޒިނޭ ސާބިތުކުރާނެ ޤަރީނާއެއް ކަމަށް ބަލައި، އަންހެން މީހާއާއި ފިރިހެން މީހާގެ މައްޗަށްވެސް ޑީ.އެން.އޭ ހެކި އެއީ ބަލައިގަނެވޭނެ ހެއްކެއްކަމަށް ކަނޑައެޅި ކަމަށް ޕީޖީ ވިދާޅުވިއެވެ.

ހައިކޯޓުގެ ނިންމުމަކާއި ގުޅިގެން ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ޒިނޭގެ ކުށް ސާބިތު ކުރުމުގައި ޑީއެންއޭ ހެކި ބޭނުން ކުރުމާއި މެދު މިއަދު މިވަނީ އިސްލާމް ދީނުގެ ޢިލްމްވެރިންނާއި ގާނޫނީ ޢިލްމްވެރިންނާއި ދުނިޔަވީ ގޮތުން އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ މީހުންގެ މެދުގައި ވަރުގަދަ ބަހުސެއް ފެށިފައެވެ.

އިސްލާމް ދީނުގެ ޝަރިއްޔަތުގައި ޒިނޭގެ ކުށުގެ އަދަބާއި އެކުށް ސާބިތު ކުރާން އޮންނަ ގޮތްތަކަކީ އަބަދުވެސް ހުޅަނގުގެ ތަހުޒީބީ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މީހުންގެ މެދުގައި ޚިޔާލު ތަފާތުވެ ފާޑުކިޔައި އެމީހުން ބޭނުންވާ ގޮތަށް ބަދަލު ކުރުމަށް އަބަދުވެސް ވަކާލާތުކޮށް ބާރުއަޅާ ކަމެކެވެ. ރާއްޖޭގައި ވެސް މިބަހުސް ދޭތެރެދޭތެރެއިން ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން