އައިޝަތު ރަފާހު ޢަލީ   22 ޑިސެމްބަރު 2020 - 2:25
ރައްޔިތުން ފެލުން ހުއްޓޭކަށް ނެތް ކަމަށް ބުނެ އެޗްޕީއޭގެ އައު އުސޫލުތަކާ ޚިލާފުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ނިންމުމުން އިދިކޮޅު ފަރާތްތަކުން ފާޑުކިޔައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އެޗްޕީއޭއަށް ފާޑުކިޔާފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އައު އުސޫލެއް މިއަދު ނެރުނުއިރު އެ އުސޫލުގައި ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާތީ އެވެ.

"ރައްޔިތުން ވިސްނާ! ހަމަ ކުއްލިއަކަށް މިއޮތީ، ވިސްނާ ޖަލްސާއަށް ޓާގެޓް ކޮށްފައި އުސޫލު ހައްދަވާފައި. އެއްލައްކައިން ޖޫރިމަނާ. ރައްޔިތުން ފެލުން ހުއްޓޭކަށް ނެތް!! ރައްޔިތުން#ވިސްނާ!! 26 އަށް ކާނިވަލަށް ވަޑައިގެންދެއްވާ" ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވެފައިވެއެވެ.

އައު އުސޫލު ބުނާ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކަށް އާންމު ފަރުދަކު ތަބާނުވެއްޖެނަމަ ފުރަތަމަ ފަހަރު 1،000 ރުފިޔާއިން ދެވަނަ ފަހަރު 3،500 އަދި ތިންވަނަ ފަހަރު 7،500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަަށް އުސޫލުގައިވެއެވެ.

މީގެ އިތުރުން ގާނޫނީ ޝަހުސަކުން އެންގުމަށް އަމަލުނުކޮށް ހިލާފުވާ ފުރަތަމަ ފަހަރު 5،000 ރުފިޔާއިން ދެވަނަ ފަހަރު 25،000 އަދި ތިންވަނަ ފަހަރު 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި އަދި އެންގުމާއި ހިލާފުވާ ހަތަރުވަނަ ފަހަރު 75،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އާއްމު ކުރި އައު އުސޫލުގައިވެއެވެ.

މީގެއިތުރުން އެންގުމާއި ހިލާފުވާ ފަސްވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭގެ އައު އުސޫލުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން