ރަނގަޅު ގޮތަކީ ހާފިޒުންގެ ދަރަޖަ ތަފާތުކުރުމެއްނެތި ގައުމީ އިނާމު ދިނުން ކަމަށް ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވެފައިވަނީ ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، ހާއްސަ މެޑަލް އެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެންނެވެ.

"ރަނގަޅު ގޮތަކީ ހާފިޒުންގެ ދަރަޖަ ތަފާތުކުރުމެއްނެތި އެންމެހައި ހާފިޒުންނަށްވެސް އެ ބޮޑު ހަފްލާގައި ގައުމީ އިނާމު ދިނުން. ކޮންމެ ކުއްޖަކުވެސް ގުރްއާން ދަސްކުރަނީ ވަރަށް މަސައްކަތުން އެކުއްޖެއްގެ ގާބިލްކަން ހުރިވަރުން" ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދަރަޖަ އޮންނަނީ އިމްތިހާންގައި ކަމަށާއި، ގައުމީ އިނާމު ދޭންވާނީ ދަސްކުރިކަމަށްޓަކައި ކަމަށެވެ. އެއީ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެއްވަނަ ދަރަޖައަށް ނާދެވޭ ވަރުގެ އުޒުރު ހުންނަ ކުދިން ތިބޭނެ ކަމަށެވެ. އަދި ހެޔޮކަމެއް ކުރަން ބޭނުން ނަމަ ދައުލަތުން ދެއްވާ އެލަވަންސް 5 ހާހަށް ބޮޑުކުރުމަށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ, ކީރިތި ޤުރްއާން ހިތުދަސްކޮށް، 1 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް، މި އަހަރުން ފެށިގެން ޚާއްޞަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވާ ކަމަށެވެ. އަދި 1 ވަނަ ދަރަޖައިގައި މި އަހަރު ފާސްވި ޙާފިޡުންނަށް ޚާއްޞަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައި ކަމަށެވެ. މި އަހަރު 1 ވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ޙާފިޡުންނެވެ.

އަދި ހަމަ އެހެންމެ، ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން