ގައުމުގެ ވެރިންގެ ނާގާބިލުކަން މިއަދު ވަރަށް ސާފުކޮށް ހާމަވެއްޖެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސައިން މިހެން ވިދާޅުވެފައިވަނީ ހެލްތު މިނިސްޓްރީއަށް އާ ދެ ސިޔާސީ ވެރިން އައްޔަނުކުރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

މެންބަރު ބުސެން ވިދާޅުވީ ވަޒީފާގެއްލި ކުރާނެ މަސައްކަތެއް ނެތި ގައުމުގެ ޒުވާނުން މަގުމަތިވަމުން ދާއިރު ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ސިޔާސީ ވެރިންނަށް ޚަރަދު ކުރުމަށް ކަމަށެވެ.

"ކުރާނެ މަސައްކަތެއް ނެތި ޒުވާނުން މަގުމަތިވަމުން ދާއިރު ދައުލަތުގެ ޚަރަދު ސިޔާސީ ވެރިންނަށް ބަހާލަމުން، ގައުމުގެ މިއަދު ވެރިންގެ ނާގާބިލުކަން ވަރަށް ސާފުކޮށް ހާމަވޭ. ޒުވާނުންގެ ވިންދާ ނުލާ ބާރުތައް ދެމިއެއް ނޯންނާނެ." ހުސައިން ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކަކަށް އަލަށް އައްޔަނުކުރި ދެ ބޭފުޅުންނަކީ ސްޓޭޓު މިނިސްޓަރުކަމަށް އަހްމަދު އާދިލް، އަދި ޑެޕިއުޓީ މިނިސްޓަރުކަމަށް މަރިޔަމް ޚާލިދާއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް މަގާމުތައް އަދާކުރައްވާފައިވާ މަރިޔަމް ޚާލިދާ ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކުލަވާލި އެޑްވައިޒަރީ ބޯޑުގެ ޗެއާކަން ކުރައްވާފައެވެ. ޚާލިދާއަކީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މޫސާގެ އަނބިކަނބަލުންނެވެ.

މީގެ އިތުރުން ސްޓޭޓު މިނިސްޓަރުކަމަށް އައްޔަނުކުރެއްވި އަހްމަދު އާދިލް މީގެ ކުރިން ހުންނެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމުގައެވެ. ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކެއް ގެނައުމުގެ ތެރެއިން ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އެ މިނިސްޓްރީގެ ސިޔާސީ ވެރިންތަކެއް ސަސްޕެންޑް ކުރިފަހުން އާދިލް ވަނީ ވަގުތީގޮތުން ހެލްތު މިނިސްޓްރީއަށް ބަދަލު ކުރަށްވާފައެވެ. އެހިސާބުން ފެށިގެން އޭނާ މަސައްކަތް ކުރަށްވަމުން ގެންދެވީ ހެލްތު މިނިސްޓްރީގައި ކަމަށް އެނގިފައި ވެއެވެ.

ކޮވިޑާ ގުޅިގެން ގައުމުގެ އިޤްތިޞާދު ހުއްޓި އެތައްބައެއްގެ ވަޒީފާ ގެއްލިފައިވާ މި ދަތި ދަނޑިވަޅުގައި ބޭރުގެ މާލީ އިދާރާތަކުން ލޯނާއި އެހީ ހޯދައިގެން ވެސް މިސަރުކާރުން ހޭދަކުރަނީ ސިޔާސީ ވެރިންނަށް މުސާރަޛިނުމަށާއި ސިޔާސީ އެހެނިހެން ކަންކަން ހާސިލު ކުރުމަށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން