އާދަމް ޝަރީފް އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
އާދަމް ޝަރީފް އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ މައްޗަށް ދައުވާ ކުރަނީ ބަޣާވާތް ނާކާމިޔާބު ކޮށްލުމުން ބަދަލުހިފުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، މޭޖާ ޝިޔާމްގެ މައްޗަށް ދައުވާ ކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ފޮނުވުމުން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ މިއީ ބަދަލު ހިފުމުގެ ސިލްސިލާއަށް އިތުރުވި ބޮޅެއް ކަމަށެވެ.

"އަސްލު މައްސަލައަކީ ޤާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރެއް ބަޣާވާތަކުން ވައްޓާލުމަށް ފުރުސަތު ނުދެއްވުން. ބާޣީންނާއި ބައިއަތު ނުހިފުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

މިމައްސަލައިގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން މުޙައްމަދު ލަޠީފު (ސެންބެ) ވިދާޅުވީ މިފެންނަނީ ސަރުކާރަށް ގޮތް ހުސްވާ ކަމުގެ ހެކިތައް ކަމަށެވެ.

"މީ ގައުމަށް ޚިދުމަތް ކުރައްވާ އިޚްލާޞްތެރިންގެ އަގުވައްޓާލަން މިއަދު ސަރުކާރުން ކުރާ ނާތަހުޒީބީ މަސައްކަތެއް. ސަރުކާރަށް ގޮތްހުސްވާ ކަމުގެ ހެކިތައް މިދަނީ ފެންނަމުން." ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިދެބޭފުޅުން ވެސް އެ އިޝާރާތް ކުރެއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމުން ވެސް މޭޖާ ޝިޔާމް އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިނުގަތުމުން އެކަމަށެވެ. އޭރު ހައްޔަރުގައި ތިއްބެވި ބައެއް ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް ކަނޑައަޅައި ނެރެފައިވާ ސްޕްރީމް ކޯޓުގެ މިއަމުރާއެކު އޭރު ފުލުހުންގެ ވުޒާރާގައި އެންމެ އިސްކޮށް ހުންނެވި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ވެސް އިދިކޮޅު ފަރާތްތަކާއިއެކު މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް މޭޖާ ޝިޔާމް ވަނީ ސަރުކާރު ދިފާއު ކުރައްވާފައެވެ.

އާދަމް ޝަރީފްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ސަރުކާރުން ރިޓަޔާޑް ސިފައިންނަށް ވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން