ކާގޯ ފެރީގެ ސަބަބުން އޮޑިވެރީން އިތުރަށް ބިކަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު ކުރާ ކާގޯ ފެރީގެ ދަތުރުތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވާނެ ކަމަށް ގަބޫލުކުުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

މިނިސްޓަރ ނަހުލާގެ އިތުރުން މި ސަރުކާރުގެ އިސް ބޭފުޅުންނާއި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ވިދާޅުވަމުން ދަނީ އިންޑިއާގެ ކާގޯ ފެރީގެ ސަބަބުން ރާއްޖޭގެ އެސަރަހައްދު ތަކަށް ވަރަށް ބޮޑު ތަރައްގީއަކާއި ކުރިއެރުންތައް ލިބޭނެ ކަމަށެވެ. މިކަމަށް ތާއީދު ކުރަށްވާ ބައެއް ބޭފުޅުން ގެންދަވަނީ ކާގޯ ފެރީގެ ޚިދުމަތް ފެށިފަހުން އެ ސަރަހައްދު ތަކުގައި މުދަލުގެ އަގުތައް ދަށްވެފައިވާ ކަމަށް ބުނެ އެކަމުގެ ހެކިވެސް ދައްކަވަމުންނެވެ.

"ކާގޯ ފެރީގެ ސަބަބުން ސަޕްލައި ދޯނިތަކާއި ނާލު ބޯޓުތަކަށް ލިބޭ ދަތުރުތައް މަދުވެ، އެ އުޅަނދުތަކުގެ ބޭނުން ކުޑަވެ، އޮޑިވެރީން އިތުރަށް ބިކަވެއްޖެ! މާލިމިންނާ ފަޅުވެރިން މަގުމަތިވެއްޖެ! ހުސް އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު! ކާކު ޒިންމާ ވާނީ؟" އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

ކާގޯ ފެރީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ފުޅާކުރުމުގެ ގޮތުން މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުން މިއަހަރު ވަނީ ހދ. ކުޅުދުއްފުށީީގެ ސަރަހައްދީ ބަނދަރުން އިންޑިއާގެ ކޮޗިނަށް ކާގޯ ދަތުރު ފަށާ ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ ދަތުރުފަތުރުގެެ ނިޒާމު ގުޅުވާލާފައި ކަމަށެވެ.

މިއީ ދިވެހި ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުމަށް އުތުރާއި ދެކުނުުގެ އަތޮޅުތަކުގައި ހުޅުވުނު މައި ދޮރެއް ކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ރާއްޖޭގައި ގައުމީ ޝިޕިން ލައިނެއް އަލުން އުފައްދާ ރަސްމީގޮތުން އެ ހިދުމަތް ދޭން ފެށުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން