ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
މިފްކޯއިން މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުންދާ ކަމަށް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަހާ މިހެން ވިދާޅުވީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް އެވްރެޖްކޮށް -/11،500 ރުފިޔާ ލިބުނު، ނަމަވެސް މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއިރު، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް -/22،000 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިފްކޯއިން ބަރާބަރް ދެއެވެ.

މިނިސްޓަރ ޒަހާ މިހެން ވިދާޅުވިއިރު މަސް ގަންނަ އަގު ސަރުކާރުން މިހާރު ވަނީ ދަށް ކޮށްފައެވެ.

ޒަހާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަހުގެ އަގު 20 ރުފިޔާއަށް މައްޗަށް ޖެއްސުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސްވެރިނަށް މިފްކޯއިން ފައިސާ ނުދެވުން ކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިނަށް ނުދީ ހުރި ދަރަނި ބިލްތަކަށް މިހާރު ވާނީ ފައިސާދައްކާ ހަލާސްކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބި ދިޔަ ދިގު މުއްދަތަށް މި ސަރުކާރުން ހައްލު ހޯދާދީފި ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ލިބުމުގައި ދިމާވެފައިވާ ގޮންޖެހުމަށް ނިމުމެއް ގެނެސްދީފައިވާކަން ފާހަގަކުރައްވާ ޒަހާ ވިދާޅުވީ މިހާރު މިފްކޯއިން ދަނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެމުން ކަމަށެވެ. ކޮވިޑްގެ ހާލަތުގައިވެސް މަސްވެރިނަށް ފައިސާ ދީފައި ވާނެކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ސަރުކާރާއި ހަވާލުވީއިރު އެތައް ބައިވަރު ދަރަނި ބިލްތަކެއް އޮތް. ނަމަވެސް އެބިލްތައްވެސް ދައްކާ ހަލާސްކުރިން. މި ސަރުކާރު އައިފަހުން ކުރީގަ އެ ދިޔަ ދިގު މުއްދަތެއް ނުދާނެ މަސްވެރިންނަށް ފައިސާ ނުދެވިއެއް." ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވިއެވެ.

ޒަހާ ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ މަސްވެރިންނަށް މަންފާ ކުރާނެ ގޮތަށް މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދާދި ފަހުން ފެލިވަރުގައި މަސްވެރިން ވަނީ މައިގަނޑު ހަތަރު ކަމަކަށް ޑިމާންޑްކޮށް އިހުތިޖާޖު ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. ނަމަވެސް މަސް ގަންނަ އެންމެ ކުޑައަގަކީ 20 ރުފިޔާއަށް މި ދަނޑިވަޅުގައި ބަދަލުކުރެވެން ނެތް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން