ހުޅުމާލޭގައި ތަރައްޤީ ކޮށްފައިވާ ސްވިމިން ޕޫލްގެ ކްރެޑިޓް ވެސް މިނިސްޓަރު މަހްލޫފް ދެއްވާނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށްތޯއޭ ވިދާޅުވެ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުޅިވަރާ ޒުވާނުންގެ ވަޒީރު އަހުމަދި މަހުލޫފާ ސުވާލުކުރައްވާފިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭގެ މަލްޓި ޕާޕަސް ކުޅިވަރު އިމާރާތުގައި ގާއިމު ކޮށްފައިވާ ސްވިމިންގް ޕޫލް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ނިންމުމާ ގުޅިގެންނެވެ. މިނިސްޓަރ މަހްލޫފަކީ އޭނާގެ ދާއިރާއިން ކުރާ ތަރައްޤީގެ އެކި ކަންކަމުގެ ކްރިޑިޓް ނުވަތަ އެކަންކަމުގެ ރީތިނަން ރައީސް ޞާލިހަށް ލިބިވަޑައިގަންނަވާ ގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ.

"މިކަމުގެ "ސްވިމިންގް ޕޫލް" ކްރެޑިޓް ވެސް ހަމަ އަހްމަދު މަހްލޫފް ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތޯ؟ މިހުންނަނީ އަނދުން އެޅުވޭ ވަރަށްވުރެ ފާޅުކަންބޮޑުކޮށް ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ވަކިން ޚާއްޞަކޮށް ޒުވާން ޖީލަށް ކޮށްދެއްވާފައިހުރި ކަންކަން." ޝިޔާމް ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ގާއިމް ކޮށްފައިވާ ސްޕޯޓް ކޮމްޕްލެކްސް ޔޫތު މިނިސްޓްރީއާއި ހަވާލުކުރިއިރު މި ކޮމްޕްލެކްސްގައި 25 މީޓަރުގެ ސްވިމިންގް ޓްރެކެއްގެ އިތުރުން ޖިމްއެއްވެސް ގާއިމް ކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ޝިޔާމަށް ރައްދު ދެއްވަމުން މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަަދު މަހްލޫފް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ތަރައްޤީކުރި ސްވިމިން ޕޫލަކީ ރައީސް ޔާމީންގެ މަސައްކަތެއް ކަމަށެވެ.

މި ޕޫލް ބަލަހައްޓަން ހަވާލުކޮށްފައިވާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިހާރު ނިންމާފައިވަނީ ސްވިމިންގ ޕޫލް ފީ ދައްކައިގެން ޢާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވައިލުމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ޢާންމު ދިވެހިންގެ މެންބަރޝިޕް ފީއަކީ މަހަކު 1500 ރުފިޔާ ނުވަތަ ދުވާލަކު އެއްގަޑިއިރަށް 150 ރުފިޔާ ކަމަށެވެ. އަދި ބިދޭސީންގެ މެންބަރޝިޕް ފީއަކީ މަހަކު 3000 ރުފިޔާ ނުވަތަ ދުވާލަކު އެއްގަޑިއިރަށް ބޭނުންކުރާނަމަ 300 ރުފިޔާ ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ޕޫލު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުން ޕޫލު ބޭނުންކުރުމުގެ އުސޫލުތަކަށް ޢަމަލުކުރަންވާނެކަމަށާއި، ޕޫލުބޭނުންކުރަން ފުރުސަަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން އިސްކަންދޭ އުސޫލުންކަމަށް ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން