ޑރ.ޢާއިޝަތު ޢަލީ ނާޒް
ޑރ.ޢާއިޝަތު ޢަލީ ނާޒް
ވަޒީފާއެއް ނެތި ބިކަހާލުގައި އުޅެން ނޫނީ ކިޔަވައިގެން ކޮންމެހެން ރާއްޖެ އަންނާނެކަމެއް ނެތްކަމަށް ރާއްޖޭގެ މަޝްހޫރު ސައިކޮލޮޖިސްޓް ޑރ. ޢާއިޝަތު ޢަލީ ނާޒް ވިދާޅުވުމުން ސައިރިކްސް ޝަރީފު އެކަމާ ދެކޮޅު ހައްދަވައި ކިޔަވައިގެން ރާއްޖެ އައުމަށް ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

ރާއްޖޭގެ މިފަދަ އިޖުތިމާޢީ މައްސަލަތަކުގައި އާންމުކޮށް މީސް މީޑިއާގައި ބަސްވިދާޅުވަމުން ގެންދަވާ އައިޝަތު ޢަލީ ނާޒް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ ދައުލަތުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކުގެ އެންމެ މަތީ މަގާމުތަކަށް ބިދޭސީން އައްޔަން ކުރާ މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.



ޑރ. ނާޒް ވިދާޅުވީ ވަޒީފާއެއް ނެތި ބިކަ ހާލުގައި "މީހާ ގޭނިގޭނި އުޅެން" ނޫނީ ކިޔަވައިގެން ކޮންމެހެން ރާއްޖެ އަންނާނެ ކަމެއް ނެތް ކަމަށާއި ޒަމީރު ވިއްކާލައިގެން އުޅުމަށްވުރެ އުނގެނުނު ޢިލްމަށް އިޙްތިރާމްކުރާ އަދި މަސައްކަތުގައި އިންސާފުހިމެނޭ ތަނަކުން ފުރުސަތު ލިބިއްޖެނަމަ ހަމަ އެތަނަކަށް ދާންވީކަމަށެވެ.

"އުނގެނުނު ޢިލްމަށް އިޙްތިރާމްކުރާ މަސައްކަތުގައި އިންސާފު ހިމެނޭ ތާކުން ފުރުސަތު ލިބިއްޖެނަމަ ހަމަ ދާންވީ. ރާއްޖެއަށް ދެން ބޭރު މީހުން ގެންނާނެތާ. އޯކޭ އޭ." ޑރ. ނާޒް ވިދާޅުވިއެވެ.

ޑރ. ނާޒަކީ ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓެވެ.

ނާޒްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ވިދާޅުވީ، ބޭރުން ކިޔަވަައިގެން އައިސް ގޭގައި ތިއްބަސް ވަޒީފާ ނުލިބޭނެ ކަމަށާއި އެކަމަށް ކުރިމަތިލާންޖެހޭ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ރާއްޖޭގައި ވަޒީފާތައް ކޮންޓްރޯލްކުރަނީ އެއިރެއްގައި އޮންނަ ސަރުކާރެއް ހިންގާ ޕާޓީ ކަމަށެވެ. އެހެންކަމުން ވަޒީފާ ލިބުމުގައި ދަތިތައް ހުންނާނެ ކަމަށާއި އެމީހަކު ކިޔެވި އެއްޗެއްގެ ބޭނުން ހިފާނެ ގޮތް އަމިއްލައަށް ހޯދަންޖެހޭނެ ކަމަށެވެ.

"ކިޔަވައިގެން ކޮންމެހެން ވެސް ރާއްޖެ އަންނަން ޖެހޭ. ކިޔަވައިގެން ކަންކަމަށް ކުރިމަތިލާން ޖެހޭ. ޑިގްރީ ހިފައިގެން ގޭގައި ހުއްޓާ މީހަކު ވަޒީފާ ތަބަބަކަށް ލައިގެން ހިފައިގެން އައިސް ނުދޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މީހަކަށް ވަޒީފާއަދާކޮށް ނުދެވޭނަމަ އަމިއްލަ ނަފުސަށް މަސައްކަތް ކޮށްގެން އެހެން މީހުންނަށް ވަޒީފާ ހޯދައިވެސް ދެވިދާނެ ކަމަށެވެ.

"ކިޔަވައިގެން ސެޓިފިކެޓް ހިފައިގެން ގޭގައި ހުއްޓާ ސިޔާސީ ޕާޓީއަކުން އައިސް ސިޔާސީ މަގާމެއް ނުދޭނެ. މިހާރު ދައުލަތުގެ ހުރިހާ މަގާމެއް ކޮންޓްރޯލް ކުރަނީ އެވަގުތެއްގައި މެޖޯރިޓީ އޮންނަ ސަރުކާރަކުން. އެހެންކަމުން ކިޔަވައިގެން އެކިޔެވި އެއްޗެއްގެ ބޭނުން ހިފަން ދަސްކުރުމަކީ އެމީހެއްގެ މަސައްކަތެއް." ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ކިޔަވައިގެން އައިސް ތިބި ގިނަ މީހުންގެ އަމާޒަކީ ސަރުކާރުގެ ވަޒީފާ ހޯދުން ކަމަށެވެ. ޝަރީފު ވިދާޅުވީ ކިޔަވައިގެން އައިސް އެމީހަކު ކިޔެވި ދާއިރާއަކުން އަމިއްލަ މަސައްކަތެއް ކުރެވިދާނެ ކަމަށާ އަދި އެމީހަކު ހޯދި އިލްމެއް އެހެން މީހުންނަށް އުގަންނައިދީ ދަސްކޮށް ދިނުމަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.

"އެމީހަކު ހޯދި ޢިލްމެއް އެހެން މީހުންނަށް ދަސްކޮށްދެވިދާނެ. ފޮތް ލިޔެ ޕަބްލިޝް ކުރެވިދާނެ. ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގައި ތިބެގެން ކޮންމެ ތާކަށް ވެސް ޚިދުމަތް ކޮށްދެވިދާނެ." ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީން އުނގަންނައި ދިނުމަށް އަމިއްލައަށް މަސައްކަތް ކުރަށްވާ ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޟާނު

30-Dec-2020

ޑރ ނާޒުގެ ވާހަކަ އަހާކަށްނުވާނެ ވަރަށްމަކަރުވެރި އަނހެނެއް


9

🤷‍♂️

29-Dec-2020

"ޝަރީފު ވިދާޅުވީ، ރާއްޖޭގައި ވަޒީފާތައް ކޮންޓްރޯލްކުރަނީ އެއިރެއްގައި އޮންނަ ސަރުކާރެއް ހިންގާ ޕާޓީ ކަމަށެވެ. އެހެންކަމުން ވަޒީފާ ލިބުމުގައި ދަތިތައް ހުންނާނެ ކަމަށާއި އެމީހަކު ކިޔެވި އެއްޗެއްގެ ބޭނުން ހިފާނެ ގޮތް އަމިއްލައަށް ހޯދަންޖެހޭނެ ކަމަށެވެ." ޑރ. ނާޒް ވިދާޅުވީ ވަޒީފާއެއް ނެތި ބިކަ ހާލުގައި "މީހާ ގޭނިގޭނި އުޅެން" ނޫނީ ކިޔަވައިގެން ކޮންމެހެން ރާއްޖެ އަންނާނެ ކަމެއް ނެތް 🤷‍♂️



ޓްރެންޑިން