އަހުމަދު ސައުދު
އަހުމަދު ސައުދު
ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެންނެވުމުގެ ހުއްދަ ނުދިނުމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން ޖޭޕީގެ ނައިބް ރައީސް އަހުމަދު ސައުދު ފާޑު ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސަރުކާރު ގެންނަން ކެންޕެއިން ކުރީ "ބޭސްފަރުވަ ޔަގީންކޮށްދޭނެ" ކަމަށް ބުނާ ޝިއާރާއެކުގައެވެ. ނަމަވެސް އެކަން އެންމެ ރަނގަޅަށް ނުފުއްދޭ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، އެކަހަލަ ކަންކަން ފެންނަމުން ދިއުމަކީ ވަރަށް ދެރަ އަދި ލަދުގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އޭނާގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކ. ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެންނެވެ. އެގޮތުން ޖިހާދުގެ މައްޗަށް އުފުލާފައި ވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަކަށް އެދި ޖިހާދު ހުށަހަޅުއްވާފައިވާ މައްސަލައަށް ގޮތެއް ނިންމުމަށެވެ.

އެ މައްސަލައިގެ އަޑުއެހުމުގައި ޖިހާދު ވަނީ ބޭސްފަރުވާއަށް ދުބާއީއަށް ވަޑައިގަތުމަށް ޓިކެޓު ވެސް ނަންގަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ޖިހާދަކީ ސިއްހީ ގިނަ މައްސަލަތެއް ހުންނަ ބޭފުޅެއް ކަމަށް ޖިހާދުގެ ވަކީލު ހުސައިން ފަލާހު ވިދާޅުވެފައި ވެއެވެ. އެގޮތުން އިމްސޮމްނިއާ އާއި ހަކުރު ބައްޔާއި އަވަސް އަވަހަށް ކުޑަ ކަމުދެވޭ ބަލި ފަދަ ބަލިތައް ވަކީލް ފާހަގަކުރެއްވިއެވެ.

ދުބާއީގައި ޖިހާދުގެ ދަރިން ވެސް ތިއްބެވި ކަމަށާއި އެކުދިން ނުފެންނަތާވެސް ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް ޖިހާދުގެ ފަރާތްޕުޅުން ކޯޓުގައި ވާހަކަ ދެއްކެވި ވަކީލު ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެއް ކުއްޖަކު ބަލިވެ އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަށް އިންކާރުކޮށް ދައުލަތުން ބުނީ ޖިހާދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަނީ އެއްވެސް ހާލެއްގައި ރާއްޖެއިން ލިބެން ނެތް ފަރުވާއެއް ހޯއްދެވުމަށް ނޫން ކަމަށެވެ. ރާއްޖެއިން ފަރުވާ ލިބޭ ކަމަކަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ފުރަން ހުއްދަ ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް ދައުލަތުން ބުންޏެވެ. މީގެއިތުރުން ޖިހާދު ފިއްލަވާފާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.

އަޑުއެހުގައި ޖިހާދު ވަނީ ދައުލަތުން ދެއްކި ވާހަކަތަކަށް އިންކާރު ކުރަށްވާފައެވެ. މީގެއިތުރުން ޖިހާދުވަނީ އޭނާ އަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށާއި އަންނަ މަހުގެ 11ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ގާޒީއަށް ދެއްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން