ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އާރްއާރްޓީ މެމްބަރުން.
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އާރްއާރްޓީ މެމްބަރުން.
މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)އިން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާގޮތުން ކައިވެނީގެ ހަފްލާއިން ޕޮޒިޓިވްވެފައިވާ 35 މީހުންގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނެއެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތުން، ޝީ ބިލްޑިންގްގައި ބޭއްވި މި ކައިވެނި ހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވެފައިވާކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ވަނީ މިހަފްލާގައި ބައިވެރިވެފައި ކަމަށްވެސް ވެއެވެ.

މިކަމާގުޅިގެން، މިކައިވެނި ހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންދާކަމަށް އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާކަަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، މިކައިވެނި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް އެޗް.ޕީ.އޭ އިން ވަނީ އެދިފައެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗް.ޕީ.އޭ އިން އެފަރާތްތަކަށް އަންގާފައިވެއެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހަފްލާތަކަށް ހާޟިރުވާ ފަރާތްތައް މާސްކްއެޅުމާއި، ހަފްލާތަކުގައި ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން