އަބްދުއްރަހީމް ޖަލްސާގައި ވާހަކަދައްކަވަނީ
އަބްދުއްރަހީމް ޖަލްސާގައި ވާހަކަދައްކަވަނީ
ބޭސްފަރުވާއަށް ގައުމުން ބޭރަށް ވަޑައިގެންނެވުމަށް ދެންނެވުމުން ވެސް މިފަސްގަނޑު ދޫކޮށް ވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމިން ވިދާޅުވިކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، "ވިސްނާ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕާޓިތަކުން މިރޭ ބޭއްވި ބޮޑު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި، ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ޖަލުގައި އޮންނަވާތާ އަހަރެއް ފުރުނު ދުވަހު، އެ މަނިކުފާނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާއި، އެ މަނިކުފާނުގެ ސާބިތުކަމަކަށް ބަދަލެއް ނާންނަކަމަށެވެ. ރައީސް ޔާމިންގެ އެންމެ ފުރަތަމަ ސުވާލަކަށްވީ ”ޤައުމަށްވަނީ ކިހިނެއްތޯ“ މި ސުވާލުކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

”އެ މަނިކުފާނުގެ ފުރަތަމަ ސުވާލަކީ ވެސް ޤައުމަށްވަނީ ކިހިނެއްތޯ. އަޅުގަނޑު ދެންނެވިން ރައީސްއޭ މި ސަރުކާރުގެ އަނިޔާވެރިކަމުގައި މި ހުރަގޭގައި މަނިކުފާނު އޮންނަވާތާ އަހަރެއްވީއޭ. އަޅުގަނޑުމެންގެ އެދުމަކީ ބޭސްފަރުވާއަށް ނަމަވެސް ބޭރަށްދެވޭނެ ގޮތެއްވުމޭ. އެވަރަށް ދެންނެވުމާއެކު އަޅުގަނޑު ހުއްޓުވައި ވިދާޅުވީ ތިމަން މަނިކުފާނު މި ފަސްގަނޑު ދޫކޮށްނުދާނަމޭ.“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ހުންނެވީ ވަރަށް ސާބިތުކަމާއެކުގައިކަމަށާއި، ރައްޔިތުންގެ ޙައްޤުގައި ކިތަންމެ ދުވަހެއްވަންދެން ޖަލުގައި އޮންނަވަން ޖެހުނަސް ހިތްވަރުފުޅަށް ކުޑަވެސް ބަދަލެއް ނާންނާނެކަމަށް ރައީސް ޔާމިން ވިދާޅުވިކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ދެއްކެވި ވާހަކައިގައި ޢަބްދުއްރަޙީމް ވަނީ ރައީސް ޔާމިނަށް އަބަދަކު އަނިޔާއެއް ނުދެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން ރައީސް ޔާމިނާމެދު ޖެހިލުންވަނީ މި ޤައުމުގައި އެ މަނިކުފާނު ސަލާމަތުން ހުރެއްޖެނަމަ، ރައްޔިތުންނަށް ސަރުކާރުންކުރާ ނޭއްގާނީ ޢަމަލުތައް ހާމަކުރައްވައި ފަޟީހަތްކޮށްލައްވާނެކަން ކަށަވަރުވާތީކަމަށް ވެސް ވިދާޅުވިއެވެ.

މިރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ރަސް އޮންލައިން"ގެ ރިޕޯޓަރަކު މަޢުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު


18

ކަލާމަނނަ.

27-Dec-2020

ބޮޑު ދޮގުވެރިޔާ.



ޓްރެންޑިން