ޑރ މުހައްމަދު ޖަމީލް އަހުމަދު
ޑރ މުހައްމަދު ޖަމީލް އަހުމަދު
ބޮޑެތި ކުށްވެރިންނަށް ނިދާ މެޝިން އުފައްދާ ސަރުކާރެއް މިނޫނިއްޔާ ނެތް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

ޑރ. ޖަމީލް ސަރުކާރަށް މިފަދަ ހަމަލާތަކެއް ދެއްވީ ”ވިސްނާ“ގެ ނަމުގައިއިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަަދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވީ، މި ސަރުކާރުން ވެރިކަމަށް އައިސް މުޅި ނިޒާމު ފުނޑުފުނޑުކޮށްލައި ދުސްތޫރު ނެތިކޮށްލާފައިވާ ކަމަށެވެ. އަދި މުޅި ޖުޑިޝަރީ ވެސް މިއަދު ވަނީ އެމްޑީޕީން ވަކިގޮތަކަށް ޢަމުރުނެރެ ވަކި ބަޔަކަށް އިންސާފު ހޯދައިދޭގޮތަށް އެކުލަވާލާފައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

”އެމްޑީޕީގެ ޢަދުލުގެ ނިޒާމުގައި މިނިވަން ޝަރީޢަތެއްނެތް. އިންސާފެއްނެތް. މުޅި އެމްޑީޕީ ނިޒާމުގެތެރެއިން ދުވަނީ ވަހުޝަތުގެ ނުބައި ވަސް.“ ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވަނީ، ދުނިޔޭގައި ވެސް ކުށްވެރިން ދައުލަތުގެ ހެކިންނަށް ހެދި ޢަދުލުގެ ނިޒާމެއް މި ސަރުކާރު ނޫނީ ނެތްކަމަށް ވިދާޅުވެފައެވެ. އަދި ބޮޑެތި ކުށްވެރިންނަށް ނިދާ މެޝިން އުފައްދާ ސަރުކާރެއް މިނޫނިއްޔާ މި ދުނިޔޭގައި ނެތްކަމަށް ވެސް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލައިގައި ސަން އިންވެސްޓްމަންޓަށް ކުރާ ދަޢުވާ ސާބިތުކުރަން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ހެކިންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފައެވެ.

ދައުލަތުން އެ ދެބޭފުޅުން ހެކިންގެ ގޮތުގައި ހުށަހެޅިއިރު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް އަދީބު ޖަލަށްލުމަށް ވަނީ ޙުކުމް އިއްވާފައެވެ. އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޒިޔަތު 11 އަހަރަށް ޖަލަށްލުމަށް ވަނީ ޙުކުމް އިއްވާފައެވެ.

މީގެއިތުރުން ބޮޑެތި ކުށްވެރިންނަށް ނިދާ މެޝިން އުފައްދާ ސަރުކާރެއް މިނޫނިއްޔާ މި ދުނިޔޭގައި ވެސް ނެތްކަމަށް ޑރ. ޖަމީލް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށްލުމަށް ޙުކުމް އިއްވާފައިވާ އަދީބު ގޭގައި ހުންނަވަނީ ވަކި ޚާއްސަ މެޝިނެއްގެ އެހީގައި ނިިދިކުރައްވަން ޖެހިވަޑައިގަންނަވާތީ ކަމަށާއި, އެ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭނެ މެޝިނަކަށް ނުވާތީ ކަމަށް ސަރުކާރުން ބުނެފައިވާ ވާހަކައަށް އިޝާރާތް ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން