މުހައްމަދު ޖަމީލް (ކ)، އެމްޕީ ވައްޑެ (ވ)
މުހައްމަދު ޖަމީލް (ކ)، އެމްޕީ ވައްޑެ (ވ)
އިންތިގާލީ އިންސާފުގެ ގާނޫނު ރަނގަޅަށް ތަންފީޒުކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮންނަވާނީ 1000 އަހަރު ވަންދެން ޖަލުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ޖަމީލަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޖަމީލް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނެ ކަމަށާއި އެ ގާނޫނު ފުރިހަމައަށް ތަންފީޒު ކުރާނަމަ ރައީސް ނަޝީދު 1000 އަހަރު ޖަލުގައި އޮންނަވާނެ ކަމަށެވެ.

ރޭ ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ޖަމީލް ދެއްކެވި ވާހަކައަށް ރައްދު ދެއްވުމުގެ ގޮތުން ވައްޑެ ކުރެއްވި ޓްވީޓެއްގައި ހިއްސާ ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ނައިބު ރައީސް ކަމުން ޖަމީލް ދުރުކުރެއްވުމުން އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ރައީސް ނަޝީދާއެކީ ޖަމީލް ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯއެކެވެ.

ރައީސް ނަޝީދާއެކު އިނގިރޭސި ވިލާތުގައި ހުންނަވައި ޖަމީލް ދެއްކެވި ވާހަކަފުޅުގައި އޭރުގެ ސަރުކާރަށާއި ޕީޕީއެމްއަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާއިރު، ވައްޑެ ހިއްސާ ކުރެއްވީ އެވާހަކަފުޅުގެ ކުޑަ ތަންކޮޅެކެވެ. 14 ސިކުންތުގެ އެ ވީީޑިއޯކޮޅުގައި ޖަމީލް ވިދާޅުވަނީ "މާޒީގައި ހިނގާފައިވާ ކަމަކަށް ނުވަތަ ބުނެފައިވާ ވާހަކައަކަށް އެމްޑީޕީ އަދި ދިވެހި ރައްޔިތުން އަދި ރައީސް ނަޝީދުގެ ކިބައިން ހިތް ޚަލާސް ކޮށްދިނުމަށް އެދޭ" ކަމަށެވެ.

އެ ވީޑިއޯކޮޅާއެކު ވައްޑެ ވިދާޅުވީ ކުރިން ވެސް ރައީސް ނަޝީދަށް އެ ވަރަށް ފާޑުވިދާޅުވެފަައި ފަހުން ޑރ. ޖަމީލު މައާފަށް އެދިވަޑައިގެންނެވި ކަމަށެވެ. އަނެއްކާ ވެސް ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވާފައި ފަހުން މައާފަށް އެދިވަޑައިގަންނަވާނަންތޯ ވައްޑެ ސުވާލު ކުރެއްވިއެވެ.

"ޑރ. މުހައްމަދު ޖަމީލް އަހުމަދު، ދުލަށް އަންނަހާ އެއްޗެހި ކިޔުއްވާކަށް ނުވާނެ،" ޖަމީލް ޓެގް ކުރަށްވައި ވައްޑެ ކުރެއްވި ޓްވީޓްގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން