ވައިރަސްގެ މައިކްރޮސްކޯޕިކް ފޮޓޯ
ވައިރަސްގެ މައިކްރޮސްކޯޕިކް ފޮޓޯ
ކައިވެނި ޕާޓީ ކްލަސްޓަރގައި ހިމެނޭ އިނގިރޭސިވިލާތުންއައި މީހާއަށް ޖެހިފައި ވަނީ ކޮރޯނަވައިރަހުގެ އާވައްތަރުގެ ކަން އަދި ދެނެގަނެވިފައި ނެތް ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީއިން ކޯވިޑް-19އާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރާ ވަޓްސްއެޕް ގްރޫޕްގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އިނގިރޭސވިލާތުން އައި މީހާ އަކީ ކައިވެނި ޕާޓީ ކްލަސްޓަރގައި ހިމެނޭ އާއިލާ އަކާއި ގުޅިފައިވާ މީހެއް ކަމަށެވެ. އޭނާ އިނގިރޭސިވިލާތުން އައިއިރު އިނގިރޭސިވިލާތުން އަންނަ ދިވެހިން މާލެ ސަރަހައްދަށް އަޔަސް ކަރަންޓީން ވާކަށް ނުޖެހެއެވެ.

ކައިވެނި ޕާޓީ ކްލަސްޓަރާއި ގުޅުން އޮތް އިނގިރޭސިވިލާތުން އައި މީހާ ރާއްޖެ އައީ ކޮން ދުވަހަކު ކަން އެޗްއީއޯސީއިން ހާމައެއް ނުކުރެއެވެ. ހަމައެކަނި ބުނެފައި ވަނީ އޭނާ ރާއްޖެ އައީ ޕާޓީ ބޭއްވި ފަހުން ކަމަށެވެ.

ވައިރަސްގެ އާވައްތަރު ދެނެގަތުމަށް ކުރަން ޖެހޭ ޓެސްޓްތައް ރާއްޖެއިން ކުރެވޭކަށް ނުހުރެއެވެ. އެހެންކަމުން އޭނާ ފައްސިވެފައި ވަނީ ކޮރޯނާވައިރަސްގެ އާވައްތަރަށް ނުވަތަ ނޫންކަން ދެނެގަނެވޭތީ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޓެސްޓްތައް ހަދައިގެންނެވެ.

އޭނާގެ ސާމްޕަލް ރާއްޖެ އިން ބޭރަށް ފޮނުވަން ނިންމާފައިވާކަމެއް ނުވަތަ ނޫންކަމެއް އެޗްއީއޯސީ އިން އަދި ހާމައެއް ނުކުރެއެވެ.

ކޮރޯނާވައިރަހަށް ބަދަލުތަކެއް އައިސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ހަލުވިކޮށް ފެތުރެމުން ދިޔަ ނަމަވެސް ރާއްޖޭގައި އަދި މިހާތަނަށް ކޮރޯނާވައިރަހަށް އެފަދަ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވިފައި ނުވާކަމަށް އެޗްއީއޯސީއިން މިދިޔަ ހަފްތާގައި ބުނެފައި ވެއެވެ.

މިހާތަނަށް މި ވައިރަހުގެ އިތުރު ތިން ވައްތަރެއްގެ ސްޓެއިންއެއް ވަނީ ފާހަގަ ކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން