މެމްބަރު ސަައީދު
މެމްބަރު ސަައީދު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތަށް ޕޮލިސް ބޯޑު ސިޔާސީ ޕާޓީއަކުން އެކުލަވާ ލުމުން ފުލުހުންގެ މުއައްސަސާ މިނިވަން ވެދާނެ ކަމަށް ގަބޫލުކުރަށްވަނީތޯ ވިދާޅުވެ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲއާއި ސުވާލު ކުރަށްވައިފިއެވެ.

ސަޢީދު މި ސުވާލު އުފައްދާފައި ވަނީ ފުލުހުންގެ އައު ޤާނޫނުގެ ދަށުން އެ މުއައްސަސާ މިނިވަންވެ ދާޚިލީ ހަމަޖެހުން ކަށަވަރުވެގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުންނެވެ.

މީގެ އިތުރުން، ސަޢީދު ވަނީ ފުލުހުންގެ ޚިދުމަތުގެ ގާނޫނާމެދު އިމްރާންގެ ވިސްނުން ބަދަލުވެގެން އުޅުއްވަނީ ނުވަތަ އެ ގާނޫނު މިހާރު އޮތް ގޮތް ކަމުގޮސްގެން އުޅުއްވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ހިނގާ ދިޔައީ ކަންކަމާއި ގުޅިގެން އިމްރާންގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ މެންބަރުން ހުށައަޅާފާނެތީވެ އެކަމާ ބިރުންތޯ ވެސް ސަޢީދު ސުވާލު ކުރަށްވާފައި ވެއެވެ.

އެމްޑީޕީން މިހާރުވެސް ބުނަމުންދަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި ހަރަކާތްތަކުގައި ފުލުހުން ބައިވެރިވެ ބަޣާވާތް ކޮށްގެން ކަމަށެވެ. އެ ހަރާކާތުގައި އެންމެ އިސްކޮށް ހުންނެވީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން ކަމުގައި ވެސް އެމްޑީޕީން ގަބޫލުކުރެއެވެ.



ފުލުހުންގެ ބިލާމެދު މަޖިލީހުގައި އެންމެ ފޯރިއާއެކު ބަހުސް ކުރަމުން ދިޔަ ދުވަސްވަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް ރައްޔިތުންގެ މަޖިީހަށް ވައްދާފައި ވެއެވެ. އެމައްސަލައިގައި އެމްޑީޕީން މަޖިލިސް މެންބަރުން ނިންމީ އިމްރަނަށް އިތުބާރު އޮތް ކަމަށެވެ.

ސަޢީދު ކުރެއްވި ޓްވީޓެއްގައި، ފުލުހުންގެ ބޯޑަކީ ސިޔާސީ ޕާޓީއަކުން ސިޔާސީ މީހުން ޢައްޔަންކުރާ ބޯޑެއްގެ ގޮތުގައި އޮތުމުން ފުލުހުންގެ މުއައްސަސާ މިނިވަންވެދާނެކަމަށް އިމްރާން ޤަބޫލުކުރައްވަނީތޯ އައްސާފައިވާއިރު އޭނާ ވަނީ މިސުވާލު ރާއްޖެއަށް ކަނޑައަޅާފައިވާ އިނގިރޭސި ވިލާތުގެ ސަފީރާއި އެމެރިކާގެ ސަފީރާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ވެސް ކުރިމަތި ކުރަށްވާފައެވެ.

ފުލުހުންގެ ކަންކަމުގައި ގޮތް ކަނޑައަޅަން އެކުލަވައިލާ ބޯޑު ބިނާވެގެންވާންޖެހެނީ ހަތް މެންބަރުންގެ މައްޗަށްކަމަށްވާއިރު، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 14 ދުވަސްތެރޭގައި ބޯޑު އެކުލަވައިލަން ޖެހޭނެއެވެ. އަދި މިގާނޫނު ބުނާ ގޮތުން ފުލުހުންގެ މަތީ މަގާމުތަކަށް މީހުން އައްޔަން ކުރާނީ ވެސް މި ބޯޑުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން