ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމުގައިވާ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މިވަގުތު އިސްކަމެއްދެއްވަނީ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދިވެހި ރާއްޖޭގެ އަޑަށް 58 އަހަރު ފުރުމުގެ މުނާސަބަތުގައި ގެނަސްދިން "ބާއްޖަވެރި ހެނދުނު"ގެ ޚާއްޞަ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ

އެމަނިކުފާނު ވިދާޅުވީ މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ސިއްހީ ނިޒާމު ލާމަރުކަޒުކުރުން ކަމަށާއި އެ ބަދަލުތައް މިހާރުވެސް ފެންނަމުން ދާކަމަށެވެ.

ކޯވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކާއެކު ސިއްހީ ފަރުވާހޯދުމަށް މާލެއަށް އަންނަން މިހާރު ވަރަށް ދަތިކަމަށާއި މިދަނޑިވަޅުގައި އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުން އަންނަތަން ފެނިގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެހިދުމަތްތައް ތަރައްގީކުރުމަކީ މިވަގުތު އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖެ ތަރައްގީވެގެން ދާނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކަމަށާއި ރަށްރަށަށް ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އަތޮޅުތެރެއިން ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާން ޖެހޭނެ ކަމަށާއި ސިއްހީ އަދި ތައުލީމީ ނިޒާމު ހަރުދަނާކޮށް ލާމަރުކަޒުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިގޮތަށް ކަންތައް ކުރެވިއްޖެ ނަމަ އެބަދަލު ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ މާލެއަށް ތޮއްޖެހިފައި އޮތް ބާރުތައް ލާމަރުކަޒީ ނިޒާމެއްގެ ދަށުން ރަށްރަށަށް ދޫކުރުން ކަމަށެވެ. ދާދިފަހުން ފާސްކުރެވިގެން ދިޔަ އައު ލާމަރުކަޒީ ގާނޫނުގައިވެސް ރަށްރަށަށް ވަރަށް ގިނަ ބާރުތައް ދޫކޮށްލެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން