ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގައި އިހުމާލުވެވިފައިވާ ކަމަށާއި އެފަރާތްތަކަށް ހާއްސަކޮށްގެން ގިނަ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމުގައި އިހުމާލު ވެވިފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ސްޓޭޖަށް އެރޭނެ އިންތިޒާމެއް ހަމަޖެހިފައި ނުވާކަން ފާހަގަ ކުރެއްވުނުކަމަށެވެ.

މިފަދަ ކަންކަން ރަނގަޅުކޮށް އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރަށްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދުގެ ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދެވޭ ގޮތަށް ''ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު" ގެ ނަމުގައި ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މަޢުލޫމާތު ލިބިފައި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައީސް ސާލިޙް ވިދާޅުވީ އުއްމީދު ދޫނުކޮށްނުލުމަށެވެ. އަދި މިހާރު ހުރި ސިޔާސަތުތައް އެ ފަރާތްތަކަށް ހާއްސަކޮށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ އުންމީދުއާކޮށްދެއްވިވެ.

މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭ އަޑުގެ އަހަރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ރޭޑިއޯގެ ޚަބަރާއި ޕްރޮގްރާމުތައް ވީހާ ވެސް މުއްސަނދިކޮށް ކުރިއަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، ރޭޑިއޯއަކީ ނެތިގެންދާނެ މީޑިއަމްއެއްކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައި ވިދާޅުވެ އެ މަނިކުފާނު ވަނީ، ރޭޑިއޯއަށް ޚާއްޞަ ސިފަތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައިގެން ޚަބަރާއި ޕްރޮގްރާމުތަކުގެ ފެންވަރު މިހާރަށްވުރެ ވެސް ރަނގަޅުކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެ ގޮތުން، ލާމަރުކަޒުކުރުމުގެ ސިޔާސަތާއި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ މައްޗަށް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންނާއި، ޚާއްޞަކޮށް ނިސްބަތްވާ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް ޙިއްޞާކުރެއްވިއެވެ.

މި ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަފުޅު ދިރިއުޅުމާ ގުޅޭގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ މަނިކުފާނުގެ ބައެއް އެކުވެރިންނާއި އަރިސް ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޕްރޮގްރާމުން ފުރުޞަތުދިން ފަރާތްތަކާ ވެސް އެ މަނިކުފާނު ވަނީ ޕްރޮގްރާމުގެ ތެރެއިން ޚިޔާލު ބަދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން