ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން
ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)އިން ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ނިހާނުގެ މައްޗަށް އުފުލާފައިވަނީ 6 ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ، ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ އަދި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.

ނިހާނަކީ ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރެވެ. ވެެރިކަން ބަދަލުވި ފަހުން ނިހާން ވަނީ ޕީޕީއެމް އިން ވަކިވެ، ގާސިމް އިބްރާހިމް ލީޑަރުކަން ކުރަށްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފައެވެ.

މި މައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ގުޅިގެން ތަޙުޤީޤު ކުރުމަށްފަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލައެކެވެ. މި މައްސަލައިގެ ތަފްސީލު ހިއްސާ ކުރަމުން އަންގާރަ ދުވަހު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ނިހާން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުޤައްރިރުގެ މަޤާމުގައި ހުރިއިރު، މަޤާމުގެ ޙައިޞިއްޔަތުން އަދާ ކުރަންޖެހޭ މަސްޢޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި، ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ގާތު ރިޝްވަތަށް އެދިފައިވާ ކަމަށެވެ. އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ނިހާނަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި އުފުލާފައިވާ ދަޢުވާތަކާ ގުޅިގެން އޭނާ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ނިހާނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތަފްސީލު:

މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެއް

އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްސަތޭކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، މި ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގ ގެ ކުށުގެ ދައުވާ

2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.

މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަ ސަތޭކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ.

އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެ ޢަދަދަށް ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން