ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ދިވެހިރާއްޖެ ސަލާމަތްކުރުމަށް ބޭނުންވާ ތަޖުރިބާއާއި އެކަމުގެ ޤާބިލުކަން ހުރީ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ކިބައިގައި ކަމަށް އެ ކޯލިޝަނުގެ އެޑްވައިޒަރ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ޕީޕީއެމްގެ މައި އޮފީހާއި ޅ. ނައިފަރު އެއް ވިއުގާއަކުން ގުޅުވާލައިގެން ކުރިއަށް ގެންދިޔަ ޚާއްޞަ ޖަލްސާއެއްގައި ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.

ޝަހީމް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް ޢަބްދުﷲ ޔާމީނަށް ކާމިޔާބު ލިބިވަޑައިނުގެންފިނަމަ ކަންކަންވާނެ ގޮތް އެއިރު ވިދާޅުވެދެއްވި ކަމުގައެވެ. އަދި މިހާރު ކަންކަން ހިނގަމުންދަނީ އެއިރު އެމަނިކުފާނު ވިދާޅުވި ގޮތަށް ކަމުގައި ޝަހީމު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ޤައުމު ސަލާމަތްކުރުމުގެ ފުރިހަމަ ޤާބިލިއްޔަތުކަން އޮތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށްގައި. ރާއްޖޭގެ އެކި ކަންކޮޅުތަކުން ކައުންސިލުގެ ގޮނޑިތަކަށް ޕީޕީއެމް ކޮންގުރެސް ކޯލިޝަނުން ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް އެ ފުރުޞަތު ދެއްވާތޯ ވަރަށް އަދަބުވެރިކަމާއެކު އަޅުގަނޑު އެދެން." ކުރިން އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވައި ޑރ. ޝަހީމް ވިދާޅުވީ މިހާރު އަނެއްކާވެސް މި ކުރިމަތިލަނީ ވަރުގަދަ އިންތިޚާބަކާ ކަމުގައެވެ. އަދި ވޭތުވެދިޔަ ތަނުން ހުރިހާ ރައްޔިތުން ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަމަށާއި، ﷲގެ ރަޙުމަތަށް އެދި ދުޢާކުރުމާއެކު މި އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތްކޮށްދިނުމަށް އެމަނިކުފާނުވަނީ އެދިވަޑައިގެންފައެވެ.

ޝަހީމު އިތުރަށް ވިދާޅުވީ ނައިފަރުގެ ކައުންސިލަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ބޭފުޅުންނަކީވެސް ޤާބިލު ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުންނަށް ވޯޓުދެއްވައިފިނަމަ އެ ރަށަށް ކުރިއެރުން ލިބޭނެ ކަމަށާއި އިދިކޮޅު ކޯލިޝަނުގެ މެންބަރުންގެ ބޭނުމަކީ ދިވެހި ޤައުމު ތަރައްޤީކުރުމުގައި އެހީތެރިވުމާއި، އިސްލާމްދީން ނަގަހައްޓައި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުން ކަމަށެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައިވެސް ވަރަށް މުހިއްމު އިންތިޚާބެއް ކަމަށާއި، އަދި ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނަށްވެސް އިންތިޚާބު މުހިއްމުކަމަށް ޝަހީމްގެ ވާހަކަފުޅުގައި ފާހަކަގުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން