ދިވެހީންނަކީ އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ކުޑަކުރާ ބައެއް ނޫންކަމަށް އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒައިދު މިހެން ވިދާޅުވެފައިވަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް އަދި އެހެން ދީންތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ބޭއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކުރެއްވީ ޓްވީޓެއްގައެވެ.

ޒައިދު ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީން ނުވަތަ އެހެން ދީންތަކުގެ މީހުން ޒިޔާރަތް ކުރާ ގައުމެއް ކަމަށެވެ. އަދި ދިވެހީންނަކީ އެމީހުންނަށް އިހުތިރާމް ކުޑަކޮށް އިހާނެތިކޮށް ހިތާ ބައެއް ނޫން ކަމުގައި ވެސް ޝައިޚް ޒައިދު ވިދާޅުވިއެވެ.

"ރާއްޖޭއަށް އެތައް ޓުއަރިސްޓުން އާދޭ! ދިވެހިން ނޫޅޭ އެހެން ދީންތަކުގެ މީހުންނަށް އިހްތިރާމް ކުޑަކޮށްގެނެއް! އަދި ގަޔަށް ބޮލަކަށް ވެސް ނާރާ! ދިވެހީން ދަނޭ އިހްތިރާމްކުރަން! އިހްތިރާމޭ ކިޔާ ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވާނަމަ އެކަން ކާމިޔާބެއް ނުވާނެ إنشاء الله!" ޝެއިޚް އަލީ ޒައިދު ވިދާޅުވެފައިވެއެވެ.

ދީނީ ހަރުކަށިކަމާ ދެކޮޅު ހެދުމަށާއި އެހެން ދީންތަކަށް އިހުތިރާމް ކުރުމަށް ގޮވާލާ ރައްޖޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ރާވަމުން ގެންދާ ކަމަށް ވިދާޅުވެ އެވާހަކަ ފުރަތަމަ މީޑިއާއަށް ތިލަ ކޮށްދެއްވީ ޝައިޚް އިލްޔާސް ހުސައިނެވެ. ޝައިޚް އިލްޔާސް ވިދާޅުވީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށިކަމާއި ދެކޮޅު އަދި އެހެން ދީންތަކަށް އިހްތިރާމް ކުރަން ގޮވާލާ މުޒާހަރާ ކުރިޔަސް މި ފަސްގަނޑުގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ރައްޔިތުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި މިފަދަ ނުބައި ރޭވުންތަކުގައި ރައްޔިތުން ބައިވެރި ނުވުމަށް އިލްޔާސް ވަނީ އެދިވަޑައިގެންފައެވެ.

ޝައިޚް އަލީ ޒައިދާއި ޝައިޚް އިލިޔާސްގެ ޓްވީޓަށް ތާއީދު ކުރަށްވައި ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ކިތަންމެ ބޮޑު މުޒާހަރާއެއް ކުރިޔަސް "އެބައިމީހުންނަށް" ކާމިޔާބު ނުވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުޒާހަރާގެ ވާހަކަ ދައްކަވާފައިވަނީ ރައީސް މުޙައްމަދު ނަޝީދެވެ. މިކަމަށް އިދިކޮޅު ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށް ވެސް ރައީސް ނަޝީދު މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސް ނަޝީދު މިފަދަ ހަރަކާތަކަށް ގޮވާލައްވާފައި މިވަނީ ކްރިސްމަސް އީދު ފާހަގަ ކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ އެމަނިކުފާނު ކުރެއްވި ޓްވީޓަކާއި ގުޅިގެން އިސްލާމް ދީނުގެ ޢިލްމެވެރިންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވެ އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެ ރައްޔިތުންނަށް ކަންއޮތްގޮތް އޮޅޭ ހިސާބަށް ގޮސްފައި ވަނިކޮށެވެ. މިބަހުސްގައި ރާއްޖޭގެ އެންމެ ފުންނާބުއުސް ދުވަސްވީ ޢިލްމްވެރިންނާއި ފަހުގެ ޢިލްމްވެރިންވެސް ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދާއި އެއްކޮޅަށާއި ދެކޮޅަށް ގެންދަވަނީ ބަހުސް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން