އަލްހާން ފަހުމީ
އަލްހާން ފަހުމީ
ޓެކްސް ޙަރާންކަމަށް ބުނަނީ ޓެކުހަކީ ކީއްކުރަން ނަގާ ކޮން އެއްޗެއްކަންވެސް ނޭނގޭތީ ކަމަށް ވިދާޅުވެ، އަލްހާން ފަހުމީ، ޓެކުހާ ދެކޮޅަށް ވާހަކަ ދައްޖަވާ އިސްލާމް ދީނުގެ އިލްމުވެރިންނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރަށްވާ އަލްހާން މިހެން ވިދާޅުވީ، ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ރާއްޖޭގެ އިސްލާމް ދީނުގެ އިލްމުވެރިޔާ އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝެއިޚް އިލްޔާސް ޖަމާލް ވިދާޅުވާ ވީޑިއޯއެއް ޓްވިޓާރގައި ހިއްސާކުރަށްވަމުންނެވެ.

އަލްހާން ވިދާޅުވީ، ދައުލަތުގެ ބެލެނިވެރިކަމުގައި އެންމެހާކަންކަން ހިންގުމަށް، ރައްޔިތުން ރުހިގެން ރައްޔިތުންގެ އާންމު މަޞްލަހަތާއި ބޭނުމަށް އަމިއްލައަށް ކުރާ ހޭދައެއް ހަރާންވާނެ ގޮތެއް ނެތް ކަމަށެވެ. އަދި ޓެކްސް ޙަރާންކަމަށް ބުނަނީ ޓެކުހަކީ ކީއްކުރަން ނަގާ ކޮން އެއްޗެއްކަންވެސް ގިނަ މީހުނަށް ނޭނގޭތީ ކަމަށެވެ.



"ޓެކްސް ޙަރާންކަމަށް ބުނަނީ ޓެކުހަކީ ކީއްކުރަން ނަގާ ކޮން އެއްޗެއްކަންވެސް ނޭނގޭތީ! ދައުލަތުގެ ބެލެނިވެރިކަމުގައި އެންމެހާކަންކަން ހިންގުމަށް، ރައްޔިތުން ރުހިގެން ރައްޔިތުންގެ އާންމު މަޞްލަހަތާއި ބޭނުމަށް އަމިއްލައަށް ކުރާ ހޭދައެއް ހަރާންވާނެ ގޮތެއް ނެތް!" އަލްހާންގެ ޓްވީޓްގައި ވެއެވެ.

އަލްހާން ހިއްސާކުރެއްވި ވީޑިއޯގައި ޝެއިޚް ވިދާޅުވަނީ، ޓެކްސް ނެގުން ހަރާމް ކަމަށް އިލްމުވެރިންގެ އިއްތިހާދުން ސާބިތުވާ ކަމަށެވެ. އެކި ނަންނަމުގައި ނަގާ ޓެކުހަކީ ކަނޑައެޅިގެން ހަރާމް އެއްޗެއް ކަމަށް ޝެއިޚް ތަކުރާރުކޮށް ވިދާޅުވެއެވެ. އަދި މުކްސްގެ ވެރިޔަކު ސުވަރުގެ ނުވަންނާނެ ކަމަށް ރަސޫލާ ހަދީޘްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވީ، ޓެކުހަކީ މުކްސް ނޫންކަމުގައެވެ. މުކްސްއަކީ މީހެއްގެ ނުރުހުމުގައި ނެގޭ އެއްޗެކެވެ. އެކަމަކު، "ރައްޔިތުން ރުހިގެން ރައްޔިތުންގެ އާންމު މަޞްލަހަތާއި ބޭނުމަށް އަމިއްލައަށް ކުރާ ހޭދައެއް ހަރާންވާނެ ގޮތެއް ނެތް" ކަމަސް އަލްހާން ވިދާޅުވިއެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން