ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް - ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް - ފޮޓޯ: ރައީސް އޮފީސް
މުޖްތަމަޢުގައި ހަމަޖެހުން ޤާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، ޙިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފެށުނު މީލާދީ އާހަރާއި ގުޅިގެން ފޮނުއްވެވި ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ފުރިހަމަވަމުން ދާއިރު، އޭގެ ސަބަބުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ، ޤައުމުގައި ހުރި ބޮޑެތި އިޖުތިމާޢީ މައްސަލަތައްވެސް ޙައްލު ކުރެވިގެންނެވެ. މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، ޢަމަލީ ގޮތުން މަސައްކަތްކުރުމަކީ، އަޅުގަނޑުމެން ކޮންމެ މީހެއްގެ، މިއަހަރުގެ ޢަޒުމްކަމުގައި ކަނޑައަޅަން ރައީސް އެދިވަޑައިގެންނެވިއެވެ.

"މުޖްތަމަޢުގެ އުފާވެރިކަމާއި ހަމަޖެހުން ޤާއިމުކުރެވޭނީ، ކުޑަކުދިންނާއި އަންހެނުންނަކީ، އަޅުގަނޑުމެން އެންމެންގެ ޙިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ޔަޤީނެވެ." ރައީސް ވިދާޅުވިއެވެ.

މުޖުތަމަޢުގައި ފެތުރިފައި ހުރި އެތައް ބަލިތަކެއްގެ ނުބައި އަސަރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު، އެތައް ގުނައެއް މިވަނީ އިތުރުވެފައިކަން ވެސް ރައީސް މިއަދު ފާހަގަ ކުރެއްވެވިއެވެ.

"ވަޒީފާ ނެތް ޒުވާނުންނާއި، މަސްތުވާތަކެތީގެ މައްސަލަތަކާއި، ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން، ވަކިވަކި ފަރުދުންނާއި ޢާއިލާތައް އުފުލަންޖެހޭ ތަކުލީފުތައްވެސް މިވަނީ، އެތައް ގުނައެއް ބޮޑުވެފައެވެ. މިކަންކަން ޙައްލުކުރުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގެ ނަތީޖާ ޙާޞިލު ކުރުމަށްޓަކައި، ޢާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައިވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރައީސް ޞާލިހް ވިދާޅުވިއެވެ.

ކޮވިޑްގެ ވެކްސިނާއެކު، މިބަލިމަޑުކަމުން ސަލާމަތްވުމުގެ އުންމީދު އައުވަމުން އަންނައިރު، ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ޤައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ޤައުމު އެކުގައި އެއް ޢަޒުމެއްގައި ގަދައަޅައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވަކިން ޚާއްޞަކޮށް، ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރަށްވާފައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެން ތަޖުރިބާކުރަމުން މިދާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ޤައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިޙްސާސްކުރެވުނީ، ރާއްޖޭގެ އިޤްތިޞާދުގެ ނާޒުކުކަން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި އަސާސީ ޚިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކާއި، ރައްޔިތުންގެ ޙައްޤުތައް ގެއްލިގެން ދިޔަ މިންވަރު ވަޒަންކުރެވުނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފެށުނު 2021 ވަނަ އަހަރާ އަޅުގަނޑުމެން މިކުރިމަތިލަނީ، ޤައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައެވެ. "ވަކިން ޚާއްޞަކޮށް، އަސާސީ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ ޢަޒުމާ އެކުގައެވެ.”

ރައީސް އިތުރަށް ވިދާޅުވީ އިޤްތިޞާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތު މިހާރަށް ވުރެ ފުޅާކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

“ތަރައްޤީގެ މަޝްރޫޢުތައް ތިމާވެށްޓާ އެއްކީލިކުރުމަކީވެސް، މިއަހަރުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދޭނެ ކަމެކެވެ." ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން