ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
އަހަރު ދުވަހުގެ ތެރޭގައި 11،000 އަށްވުރެ ގިނަ ބިދޭސީންގެ ވަޒީފާ އިތުރުކުރެވުނު ފޯމިއުލާ ބަލަންޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކާމެދު ކަންބޮޑުވުން ފާޅުކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރު 11130 ބިދޭސީންނަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ވަނީ ދީފައެވެ. އޭގެތެރޭގައި އަވައްޓެރި އިންޑިއާގެ 5223 މީހަކަށް ފުރުސަތު ދީފައިވާއިރު، ލަންކާގެ 1829 މީހަކަށް ރާއްޖޭގައި މަސައްކަތްކުރުމުގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސް މަޤާމުތަކަށް ބިދޭސީން ޢައްޔަންކޮށްފައިވާކަން ވެސް މިނިސްޓްރީން ފާހަގަކޮށްލެވެއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ޓެގްކުރައްވައި ޝިޔާމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ އަދި ކޮވިޑާއި ގުޅިގެން ދިވެހިން ތަހައްމަލުކުރި ތަދު އަހަރެެއްގައި ސަރުކާރުން ކޮށްލާފައިވާ ވަރުކަމަށެވެ.

ކޮވިޑާ ގުޅިގެން ދިވެހިންގެ ގިނަބަޔެއްގެ ވަޒީފާ ގެއްލިފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، 18000 އަށްވުރެ ގިނަ ދިވެހީންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އަދި މިހާ ގިނަ ޢަދަދެެއްގެ ދިވެހިންގެ ވަޒީފާ ގެއްލުނުއިރު، އަހަރެއްގެތެރޭގައި 11،000 އަށްވުރެ ގިނަ ބިދޭސީންގެ ވަޒީފާ އިތުރުކުރެވުނު ފޯމިއުލާ ބަލަންޖެހޭކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމާއި ގުޅިގެން އެދާއިރާގައި މަސައްކަތް ކުރަމުން ދިޔަ އެތައްހާސް ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު އެދާއިރާއާއި ގުޅުންހުރި އެހެނިހެން މަސައްކަތްކަތްތައް ކުރަމުން ދިޔަ ގިނަ ބައެއްގެ ވަޒީފާވެސް ވަނީ ގެއްލިފައެވެ. އެފަދަ ގިނަ ފަރާތްތަކުގެ ވަޒީފާ އަދިވެސް އިޔާދަކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން