ޓެރަރިޒަމްގެ ތުހުމަތުގައި ރާއްްޖެއިން އިންޑިއާ މީހަކު ހައްޔަރުކޮށް އެކަމާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމަނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޝިޔާމު ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު އެކަމާބެހޭ އިތުރު އެއްވެސް މައުލޫމާތެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަ ނުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. ކީއްވެބާ މިކަމުގައި އެއްވެސް ވާހަކައެއް ސަރުކާރުން ވެސް އެމްއެންޑީއެފް އަދި ޕޮލިސް ވެސް ރައްޔިތުންނަށް ހިއްސާ ނުކުރަނީ. އަވައްޓެރި ސްރީލަންކާގައި ދާދި ފަހުން ހިނގާފައިވާ ކަންކަމުން އިބްރަތް ހާސިލު ކުރަން ޖެހޭ." ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން އަދި އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ބައެއް މީޑިއާތަކުން ބުނާގޮތުން މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރާޖް ޕްރަޝާންތު ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މީހެކެވެ. މި މީހާ ހައްޔަރުކޮށް 30 ޑިސެމްބަރުގައި ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެ މީހާ 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ބަންދު ކުރުމުގެ އަމުރު ނެރެދިން ސަބަބު ކަމުގައި ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލައިގެ ބާވަތަށް ބަލައި އެކަށީގެންވާ ހެކި ހުށަހަޅާފައި ވުމާއި އެކު އެމީހާ އަކީ ބިދޭސީއަކަށްވެފައި ފިލާފާނެ ކަމަށްޓަކައި ކަމަށެވެ. އަދި އެމީހާ އަކީ މުޖުތަމައުގެ ރައްކާތެރިކަމާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައިވެސް ބުނެފައިވެއެވެ.

ކޯޓުން ވަނީ ބަންދުގެ މުއްދަތުގެ ތެރޭގައި އިތުރު ހެއްކާއި ގަރީނާ ހުށަހެޅުމަށް ފުލުހުންނަށް އަންގާފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން