އަދާލަތު ޕާޓީގެ ލީޑަރޝިޕަށް އަންހެނުންނަށް ކުރިމަތިނުލެވޭ ނަމަ އަދާލަތު ޕާޓީއާމެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ އަސާސީ ގަވާއިދުގައި އޮންނަނީ އެޕާޓީގެ ރައީސާއި ނާއިބްރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް ކަމަށް ވިދާޅުވެ އިލެކްސަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ދެއްކެވި ވާހަކައާއި ގުޅިގެންނެވެ. އީސީ ޝަރީފު ވިދާޅުވީ އެއީ ކުރިން ވެސް އެޕާޓީގެ އަސާސީ ގަވާޢިދުގައި އޮންނަ ގޮތް ކަމަށެވެ.

އެކަމާ ގުޅިގެން އަލީ ނިޒާރު ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސްކަން އަންހެނުންނަށް ނުކުރެވޭނަމަ އަދާލަތު ޕާޓީ އާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"އަންހެނުންނަށް އަދާލަތު ޕާޓީގެ ރައީސް ކަން ނުކުރެވޭ ގޮތައް ޕާޓީގެ އުސޫލުތައް ދަމަހައްޓާ ނަމަ އަދާލަތު ޕާޓީ އާއި ދޭތެރޭ ފިޔަވަޅު އަޅަންޖެހޭ." އިލެކްޝަންސް ކޮމިޝަނާ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ޓެގް ކުރައްވައި އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކުރިއަށް އޮތް އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރައީސްގެ މަގާމަށް ޝިދާތާ ކުރިމަތި ލައްވަން އުޅޭ ކަމުގެ ޚަބަރެއްވެސް ވަނީ ފެތުރިފައެވެ.

18 އޯގަސްޓް 2005 ގައި ރަޖިސްޓްރީ ކޮށްފައިވާ، ޢަދާލަތުޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ޢިމްރާން އެ މަޤާމުގައި ހުންނަވާތާ މިހާރު ވަނީ 12 އަހަރުވެފައެވެ. އެ ޕާޓީގައި މިވަގުތު 6436 މެމްބަރުން އެބަތިއްބެވެ.

މީގެ އިތުރުން ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު 12 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. ޕާޓީގެ ލީޑަރޝިޕަށް އަންހެނުންނަށް ކުރިމަތިނުލެވޭ ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައިވާތީ އެޕާޓީން ބުނެފައިވަނީ އަސާސީ ގަވާޢިދަށް އެފަދަ ބަދަލެއް ނުގެންނަ ކަމަށެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން