އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިދާރާގެ ނަން ބޯޑު
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިދާރާގެ ނަން ބޯޑު
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ކެމްޕެއިނަށް ހަރަދުކުރުމުގެ ފުރުސަތު ފައިވެފައި އޮންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އޭސީސީން މިހެން ބުނީ، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން ސިޔާސީ ޕާޓީތަކާއި ސިޔާސީ ކެންޑިޑޭޓުންނަށް ފައިސާ ޚަރަދުކުރުމާއި ވަސީލައްތައް، ދޫކުރުމާގުޅޭ 37 މައްސަލައެއް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅިފައި ވުމުން އެކަމާއި ގުޅިގެން އޭސީސީ ހޯދިހޯދުނަތަކުގެ އަލީގައި ތައްޔާރުކޮށް އާންމުކުރި ރިޕޯޓެއްގައެވެ.

އޭސީސީއިން އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ، އިންތިހާބާ ބެހޭ އާންމު ގާނޫނުގެ 70 ވަނަ މާއްދާގެ (ށ) ގައި ކެންޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވީނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ހަރަދުކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ނައްސުން މަނާކޮށްފައިވާ ކަމަކަށްނުވާތީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެންޑިޑޭޓުންގެ ކެމްޕޭނަށް ހަރަދުކުރުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

"އިންތިޚާބާ ބެހޭ އާންމު ޤާނޫނުގެ 70 ވަނަ މާއްދާގެ (ށ)ގައި ކެނޑިޑޭޓުން ސަރުކާރުގެ ކުންފުނިތަކުން ދޭ އެހީ ބޭނުންކޮށްގެން ނުވާނެކަމަށް ބުނެފައިވީނަމަވެސް، ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރުމަކީ ސިޔާސީ ޕާޓީގެ ޤާނޫންގައި ނައްސުން މަނާކޮށްފައިވާ ކަމަކަށްނުވާތީ ސިޔާސީ ޕާޓީތައް މެދުވެރިކޮށް ކުންފުނިތަކުން ކެންޑިޑޭޓުންގެ ކެމްޕޭނަށް ޚަރަދުކުރުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ." އޭސީސީން ބުނެފައި ވެއެވެ.

އެގޮތުން، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ސިޔާސީ ޕާޓީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ފައިސާ ޚަރަދު ކޮށްފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުން ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ. އެހެންކަމުން، ދައުލަތުގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ވަކި ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުޞަތު މިގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް ބޭނުންކުރުމަށް ހުޅުވިފައިވާ ފުރުޞަތެެއް ކަމުގައި ވެސް އޭސީސީން ބުނެފައި ވެއެވެ.

"ދައުލަތުގެ އަދި ދައްލަތް ހިއްސާވާ ކުންފުނިތަކުގައި އެ އިރެއްގައި ވެރިކަން ކުރާ ޕާޓީއެއްގެ ނުފޫޒު އޮތުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެއްކަމުގައި ބެލެވެނީ ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ޏ)ގެ ދަށުން ކުންފުނިތަކުގެ ބޯޑަށް ދައުލަތުން އައްޔަންކުރަންޖެހޭ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، އެފަރާތްތައް ޢައްޔަންކުރުމުގައި ޢަމަލުކުރަންޖެހޭ ހަރުދަނާ އުޞޫލުތައް އެކުލަވާލެވިފައިނުވާތީކަން ފާހަގަކުރެވެއެވެ. އެހެންކަމުން، ދައްލަތްގެ ހިއްސާ ހިމެނޭ ކުންފުނިތަކުން ބޭނުން ބަޔަކަށް ސިޔާސީ މަންފާ ހޯދައިދިނުމުގެ ފުރުޞަތު މީގޮތަށް ފަހިވެފައިވުމަކީ ޕާޓީތަކުގެ މެދުގައި ވާދަވެރިކަން ކުޑަވެ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ދައުލަތުގެ ފައިސާއާއި ވަޞީލަތްތައް ބޭނުންކުރުމަށް ޚުޅުވިފައިވާ ފުރުސަތެކެވެ." އޭސީސީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން