އައްޑޫ ރައްޔިތުންގެ ތެރޭގައި ފިތުނަ ހަދަން ނޫޅެ ދުނިޔޭގައި އުޅެން މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

އަލީ ނިޒާރު މިހެން ވިދާޅުވެފައިވަނީ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެން ދިވެހި ގައުމަށާއި ވަކިން ހާއްސަކޮށް އައްޑޫ ރައްޔިތުންނަށް އެމްޑީޕީން އަބަދުވެސް ދެނީ ކެހި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

"ޖަމީލުގެ މުޅި ސިޔާސީ ހަޔާތް ގައުމު ފަސާދަ ކުރުމުގައި ވަނީ ހޭދަކޮށްފައި. އައްޑޫ ރައްޔިތުންގެ ތެރޭގައި ފިތުނަ ހަދަން ނޫޅެ ދުނިޔޭގައި އުޅެން މަސައްކަތް ކުރުން މާ ރަނގަޅު." އަލީ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޖަމީލު ވިދާޅުވެފައި ވަނީ ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން ކަމަށާއި ޤައުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު ޢަމަލުތަކެއް ކަމަށެވެ. އަދި އެމްޑީޕީން އިސްނަގައިގެން ހުނަރުވެރި ޒުވާނުންގެ މުޞްތަޤްބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއް ކަމަށާއި ވަޢުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމަޢު ކޮބާއިތޯ ޖަމީލު ސުވާލު ކުރައްވާފައިވެއެވެ.

"މިއަދު ޑރ. ފައިރޫޝް، މާދަމާ ޝިކާރައަކަށް ވާނީ ކާކުބާ؟ ދިވެހި ޤަޢުމަށް، ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި." ޖަމީލު ވިދާޅުވިއެވެ.

ޑރ. ފައިރޫޝް އަކީ އައްޑޫ އަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާއިރު، އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހު އަމިއްލައަށް ފުލުހުންގެ އެންމެ އިސް މަގާމާއި ހަވާލުވެ ކޮމާންޑް ކުރަށްވަމުން ގެންދެވި ބޭފުޅާއެވެ. އެމްޑީޕީގެ ބައެއް މެންބަރުން ސިފަކުރާ ގޮތުގައި ފައިރޫޝް އިސްތިއުފާ ދެއްވީ ފުލުހުންގެ އާ ގާނޫނާއެކު ފައިރޫޝް ފަދަ ބޭފުޅުންނަށް އެގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެތީ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން