އެމްޑީޕީގެ ވެރިކަމުގައި ލިބޭނެ އިންސާފެއް ނެތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޝުޖާޢު މިހެން ވިދާޅުވެފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓްގައި، އުމުރުން 19 އަހަރުގެ ދިވެހި އަންހެނަކު ރޭޕްކުރި ކަމުގެ ހައްސާސް ތުހުމަތުތަކެއް ކޮށްފައި ވަނިކޮށް އެ ރިސޯޓުގެ އެފްއެންބީ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތެއް ޖެހިގެން އައި ދުވަހު ރާއްޖެއިން ފުރުވާލުމާއި ގުޅިގެންނެވެ.

އޭނާ ކުއްލިގޮތަކަށް ފުރުވާލުމާއި ގުޅިގެން ޝުޖާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ދިވެހި ކަނބަލުންގެ ހައްގުގައި ތެދުވެ ވަކާލާތު ކުރާނެ ޕްރޮގްރެސިވް ޕާޓީ، ރޭޕްކުރިޔަސް، ފުރައްސާރަ ކުރިޔަސް މި އެމްޑީޕީގެ ވެރިކަމުގައި ލިބޭނެ އިންސާފެއް ނެތް. ދިވެހި ކަނބަލެއް ރޭޕްކުރި މީހާ ފުރުވާލައިފި މި ސަރުކާރުން." ރޮޒެއިނާ އަށް ޓެގް ކުރައްވައި ޝުޖާޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ޝިޔާމް ވެސް ވިދާޅުވެފައިވަނީ ބޭރުގެ އިސްތިއުމާރީ ބާރުތަކަށް ދިވެހި ފަސްގަނޑުން ޖާގަ ނުދެއްވައި ބޮޑެތި ގޮންޖެހުންތަކާއެކު ވެރިކަން ކުރެއްވި ވެރިއަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެޖާގަ ދީފިނަމަ ގައުމު އަޅުވެތިވެ އަމިއްލަ ފަސްގަނޑުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ދިވެހިން ވާނެކަން ރައީސް ޔާމީން ތަކުރާރު ކުރައްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

ދިވެހި އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތުކުރެވޭ މީހާ ފުރުވާލިއިރު، ޖޭ ޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގެ އެޗްއާރު ޑިރެކްޓަރަކަށް ހުރީ އިންޑިއާގެ ރައްޔިތެއް ކަމަށް އެނގިފައިވެއެވެ. އަދި މި އަންހެން މީހާ ރޭޕްކުރި ކަމަށް ތުހުމަތުކުރާ އެފްއެންޑްބީ މެނޭޖަރ ރާއްޖެއިން ފުރުވާލާފައިވަނީ އެ ރިސޯޓްގެ މުވައްޒަފުންނަށްވެސް އޮޅުވާލައި، ސިއްރުން ކަމަށްވެސް ވެއެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަންނަނީ އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން