މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށްވާނީ ޗައިނާއާއި ރާއްޖެއާއި ދެމެދުގައި ވެފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް، އެފްޓީއޭ ތަންފީޒުކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ނުކިރުވޭތީއާއި ބާނާ މަހަށް ހަމަ އަގު ނިލިބޭތީއާއި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދައި ނުދޭ ކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައަށް ޢިޝާރާތް ކުރަށްވައެވެ. މީގެއިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ އެފްޓީއޭ އަކީ ތަންފީޒު ކުރަން ހެއުވާވަރުގެ އެއްޗެއް ނޫން ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދަށް ނުހަނު ބޮޑު ފައިދާތަކެއް ހުރި މަސައްކަތަކަށް މިސަރުކާރުން އިހުތިރާމު ނުކުރުމަކީ ރާއްޖޭގެ މަސައްކަތްތެރިންނަށް، ޚާއްސަކޮށް މަސްވެރިންނަށް ވެވޭ އެންމެ ބޮޑު ބޭއިންސާފުކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

"ދިވެހިރާއްޖެއަށް ހާއްސަކޮށް ދިވެހި މަސްވެރިންނަށް ވެސް ލިބޭނެ އެންމެ ބޮޑު އުފަލަކަށްވާނީ ރައީސް ޔާމީން ޗައިނާ އާއި އެކީ ހެއްދެވި ފްރީ ޓްރޭޑް އެގްރީމެންޓް މި ސަރުކާރުން ތަންފީޒުކުރުން. ދިވެހިން ބާނާ މަހާއި މަހުގެ އުފެއްދުންތައް ޒީރޯ ޓެރިފްގައި 1.4 ބިލިއަން އަށް ޗައިނާ އަށް އެކްސްޕޯޓް ކުރުމުން މަހަށް ހަމަ އަގު ލިބޭނެ." ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ މަސްވެރިން ބާނާމަހަށް ހަމައަގުނުލިބި މަސްވެރިން ކަނޑުމަތީގައާއި، ރަށްރަށުގެ ފަޅު ތެރޭގައާއި އެއްގަމުގައި މުޒާހަރާ ކުރަމުންދާއިރު، މިސަރުކާރުން ބުނެފައިވަނީ މިދަނޑިވަޅުގައި މަހަށް ހަމަ އަގުދެވެން ނެތްކަމަށެވެ. ނަމަވެސް މަސްވެރިންނަށް ކުރިއަށްވުރެ ބޮޑު އާމްދަނީއެއް މިހާރު ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން