ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު އެއް މަސް ދުވަހަށް ދަންމާލައި، އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

މިދިޔަ އަހަރުގެ މާރޗް މަހުގެ 12 ގައި ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން، މުޅި ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރިފަހުން މިއީ މިޙާލަތު ދަމަހައްޓަން ނިންމި 10 ވަނަ ފަހަރެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، އެހެންކަމުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާ ކަމަށެވެ. އެގޮތުން މިފަހަރު ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާތީ ކަމަށްވެސް އެބަޔާނުގައިވެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 13،867 އަށް އަރާފައެވެ. އަދި މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 31 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރެއިން 13،191 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން