ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް ރައްޔިތުންގެ މިހާރުގެ ފިކުރެއް ބަދަލެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.



އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު މާރިޗް ހައެއްގައި ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވުމާއި ގުޅިގެންނެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިހާބު ފަސްކުރަނީ ސަރުކާރުން ރާވައިގެން ގަސްތުގައި ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

"މީ ސަރުކާރުން ރާވައިގެން ގަސްތުގައި ކުރާ ކަމެއް. އިންތިހާބު ބާއްވައިފި ނަމަ ސަރުކާރު ފެއިލްވެފައިވާ މިންވަރު ރަނގަޅަށް އެނގި، ހާމަވާނެތީ ކުރާ ކަމެއް. ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރިޔަސް، ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލެއް ނުވާނެ. ރައްޔިތުން ތިބީ މާޔޫސްވެފައި." އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެެން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށްފަހު އިންތިހާބު ފަސްކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމާލުމާ ގުޅިގެންނެވެ. އަދި އިންތިހާބު ބޭއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ސިިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލައިފިނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިންތިހާބު ބޭއްވުމަށް ބަޖެޓު ނެތްކަމަށްވެސް އީސީ ޝަރީފު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު ފެބްރުއަރީ ތިން ވަނަ ދުވަހުގެ ނިޔަލަށް އިތުުރު ކުރަން ނިންމާފައި ވަނީ މިއަދުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން