ކޮވިޑްގެ ޙާލަތުގައި އިންތިޚާބު ލަސްކުރަން ޚާއްޞަ ޤާނޫނު ހަދައި ނިޒާމު ގަޑުބަޑުކޮށްލުމުގެ މޭސްތިރިއަކީ ސީދާ ރައީސް މުހައްމަދު ނަޝީދު ކަމަށް ވިދާޅުވެ މާލެ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ، ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަލްހާން ކައުންސިލް އިންތިހާބާ ބެހޭ ގޮތުން މިފަދަ ރައްދެއް ދެއްވާފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ލޯކަލްކައުންސިލް އިންތިހާބު ވީހާ ވެސް އަވަހަކަށް ބޭއްވުން ވަރަށް މުހިންމު ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އަލްހާން ފަހުމީ ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބު ލަސްކުރުމަށް ގާނޫނުހަދައި، ނިޒާމް ގަޑުބަޑުކޮށްލުމުގެ މޭސްތިރިއަކީ ރައީސް ނަޝީދު ކަމަށާއި އެކަމުގެ ޒިންމާ އެބޭފުޅާ ނަންގަވަންޖެހޭނެ ކަމަށެވެ.

"‏ކޮވިޑް ލޮކްޑައުންގައިވެސް މަނިކުފާނު ޖަލްސާ ބާއްވަވައިގެން ކުރައްވަން ބޭނުންފުޅުވި ކަންކަން ކުރެއްވި!

ބަހަނާ ނުދައްކަވާ! ކޮވިޑްގެ ޙާލަތުގައި އިންތިޚާބު ލަސްކުރަން ޚާއްޞަ ޤާނޫނު ހަދާ، ނިޒާމު ގަޑުބަޑުކޮށްލުމުގެ މޭސްތިރީއަކީ ސީދާ މަނިކުފާނު! އޮޅުވާނުލައްވާ! ޒިންމާ ނަންގަވާ!" އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު އެއް މަހަށް އިތުުރު ކުރަން ނިންމާފައި ވަނީ އިއްޔެއެވެ. މިކަމާ ގުޅިގެން ވަގުތީ ގާނޫނެއް އެކުލަވާލާ ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު މިހާރު ގާނޫނުގައި ބުނާ ތާރީޚަށްވެސް ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.



މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ގެންދަނީ ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން