ގާނޫނު އަސާސީ އާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ ދީދީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި އިޢުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރުމުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. ޑރ ދީދީ ވަނީ ގާނޫނު އަސާސީ އާއި ޚިލާފަށް އިންތިހާބު ލަސްނުކުރެވޭނެ ކަމަށް ވިދާޅުވެ އީސީގެ ނިންމުމަށް ރައްދު ދެއްވައިފައެވެ.

"ގާނޫނު އަސާސީ އާ ޚިލާފަށް ކައުންސިލް އިންތިޚާބް ފަސްކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވޭ. ހެލްތު އިމަރޖެންސީ ދެމިއޮތަސް، ޤައުމު އޮތީ ލޮކްޑައުންގެ ޙާލަތަކު ނޫން. ރައްޔިތުންގެ ބާރު ކަނޑުވާލުމުގައި ބައިވެރިވާ އެންމެހައި ފަރާތްތައް ޤާނޫނީ ޒިންމާ އުފުލަންޖެހޭނެ. ޖަވާބުދާރީ ކުރެވޭނެ!" ޑރ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ކައުންސިލް އިންތިހާބު ސަރުކާރުން ފަސްކުރަނީ ގަސްތުގައި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާއިރު ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކައުންސިލް އިންތިހާބު ވީހާވެސް އަވަހަށް ބޭއްްވުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަަމަ، އެކަން ކުރުން މުހިންމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަނުންނާއި ބައެއް އާއްމުން ގެންދަނީ ކައުންސިލް އިންތިހާބު ފަސްކުރަނީ ސަރުކާރު ފެއިލްވެފައިވާ މިންވަރު ހާމަވާނެތީ ކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ހުސްވި އަހަރުގެ ކުރީކޮޅު ބާއްވަންޖެހޭ ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް ކައުންސިލަރުންގެ ދައުރު ދަންމާލީ ގާނޫނު އަސާސީ އިސްލާހުކޮށް ސަންސެޓް ގާނޫނެއް އެކުކަވާލާ ފާސްކޮށްގެންނެވެ. ނަމަވެސް ކޮމިޝަނުން މިހާރު ބުނަނީ ފަހުން ފާސްކުރި ގާނޫނުގައި ބުނާ ތާރީޚުގައު ވެސް އިންތިޚާބު ނުބޭއްވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން